ތަރައްްޤީ

މާލޭގައި އަލުން އަވަށު އޮފީސްތައް ޤާއިމްކުރަނީ


މާލެ ސިޓީގައި އަލުން އަވަށު އޮފީސްތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މާލޭގައި އަވަށު އޮފީސްތައް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންގެންދާކަމަށެވެ.

އެގޮތުން އަވަށު އޮފީސްތައް ޤާއިމްކުރުމަށްޓަކައި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި އަވަށު އޮފީސްތައް އުފައްދާ އަވަށްތައް ބެލެހެއްޓުމަށްޓަކައި ޓެކްނިކަލް މުވައްޒަފުން ހޯދާ މާލެ ބެލެހެއްޓުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށެވެ. އަދި މިހާރު މާލެ ސިޓީ ބެލެހެއްޓުމަށްޓަކައި 8 މުވައްޒަފުން ބޭނުންކުރިނަމަވެސް ކުރިއަށްއޮތްތަނުގައި ކަމަށް ޤާބިލް މުވައްޒަފުން ހޯދާ ޢާއްމު ރައްޔިތުންނަށް ދިމާވާ އެކިކަހަލަ މައްސަލަތައް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ.

"އަވަށު އޮފީސްތައް އުފައްދާ މި އޮފީސްތަކުގެ ތެރެއިން އަވަށްތަކުގެ ކަންކަން ބަލަހައްޓަމުންގެންދާނެ. މިވަގުތު މުޅި ސިޓީކައުންސިލުން މާލެ ސިޓީ ބެލެހެއްޓުމަށް ގެންގުޅެނީ އަށް މީހުން. އައްމުންނަށް އުނދަގޫވާ އެކިކަންކަން ބެލުމަށްޓަކައި އަވަށު އޮފީސްތައް މެދުވެރިކޮށް ބެލޭނެގޮތް ހެދުމަށްޓަކައި ސްޕައިވައިޒަރުންވެސް ތައްޔާރުކުރެވޭނެ،" ޝަމާއު ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ޢާއްމު ރައްޔިތުންނަށް ދިމާވާ އެކި މައްސަލަތައް ބަލާ ޙައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ ކުރިންވެސް މާލޭގައި އަވަށު އޮފީސްތައް ހިންގާފައިވާއިރު އެކި އަވަށްތަކަށް ދިމާވާ މައްސަލަތައް ވަކިވަކިން ވަނީ ބަލަމުން ދަނީ އަވަށު އޮފީސްތަކުންނެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މީގެ ކުރިން އަވަށު އޮފީސްތައް ހިންގާފައިވަނީ ވަރަށް ކާމިޔާބުކޮށްކަމަށާއި ދެންވެސް އަވަށު އޮފީސްތައް ހަރުދަނާކޮށް ކުރިއަށްގެންދާނެކަމަށެވެ. އަދި އޮފީސްތަކުގައި މަސައްކަތްކުރަމުންދާނީ ސިޓީ ކައުންސިލްއަށް އެއްބާރުލުންދީ މާލެގައި ދިމާވާ އެކިކަންކަން ހައްލުކުރުމަށްކަމަށްވެސް ސިޓީ ކައުންސިލްއިން ވިދާޅުވެއެވެ.