ތަރައްްޤީ

މަސްވެރިންގެ ޕާކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގަން އަންގައިފި


މަސްވެރިންގެ ޕާކުގައި ނުގަވާއިދުން ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމަށް ޓްރެފިކް ޕޮލިހުން އަންގައިފިއެވެ.

ފުލުހުން މިގޮތަށް އެންގީ މަސްވެރިންގެ ޕާކު ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާތީ ސިޓީ ކައުންސިލުގެ އެދުމުގެ މަތިންނެވެ. ފުލުހުން ވަނީ އެސަރަޙައްދުގައި ނުޤަވާއިދުން ޕާކު ކޮށްފައި ހުރި ހުރިހާ އުޅަނދެއް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ނެގުމަށް އެދިވަޑައިގެންފައެވެ. އަދި އެދުވަހުގެ ހެނދުނުގެ ހަތެއް ޖެހުމަށްފަހު އެ ސަރަޙައްދުގައު ނުޤަވާއިދުން ޕާކު ކޮށްފައިވާ އުޅަނދުތައް ނުނަގައިފި ނަމަ އެ އުޅަނދުތައް ޓޯ ކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މަސްވެރިންގެ ޕާކު ތަރައްޤީ ކުރުމަށް އެސަރަޙައްދު ބަންދު ކުރާ ގޮތަށް ސިޓީ ކައުންސިލުން ހަމަޖައްސާފައިވީ ނަމަވެސް އަދި އެތަން ބަންދުކުރާނެ ދުވަހެއް ސިޓީ ކައުންސިލަކުން ވިދާޅެއްނުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކްރޫޒް ލައިނަރ ޓާރމިނަލަކާއި، ޢާންމު ފާހާނާތަކަކާއެކު ކަމަށެވެ.

ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީ ކުރާ މި ސަރަޙައްދުގައި އިންފޮރމޭޝަން ޑެސްކަކާއި ވެއިޓިން އޭރިއާއެއް ތަރައްޤީކުރާނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ. އަދި ގަސްއިންދާފައިވާ ފެހި ޕާރކެއް ހެދުމަށް ހަމަޖެހިފައިވާއިރު އުޅަނދުތައް ޕާރކު ކުރާނެ ސަރަޙައްދެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެމް.ޑަބްލިއު.އެސް.ސީއާ އެސްޓީއޯއާއި އެމްޕީއެލްއާއި ސިޓީ ކައުންސިލްގެ އިތުރުން ޕްލޭނިން މިނިސްޓްރީ ގުޅިގެންނެވެ.