ޚަބަރު

ބުއިމަށް ސަޕްލައި ފެން ބޭނުންކުރުމަށް ސަރުކާރުން ބާރުއަޅައިފި


މާލޭގައި އެމްޑަބްލިއުއެސްސީން ދޫކުރާ ސަޕްލައި ފެނަކީ ބުއިމަށް ރައްކާތެރި، ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފެތޭ ފެންކަމަށްވާތީ ބުއިމަށްވެސް އެ ފެން ބޭނުންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބާރު އަޅުއްވައިފިއެވެ.

ބޯފެނަށް ކުރަންޖެހޭ ޚަރަދާއި އުފުލަންޖެހޭ ތަކުލީފްތައް ކުޑަކޮށް، ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެނަކީ ބޯން އެންމެ ރައްކާތެރި ފެންކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މޯލްޑިވްސް ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން މާލޭގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ސަޕްލައި ފެނަނީ ބޯން އެންމެ ރައްކާތެރި ފެންކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، އީޕީއޭއާއި، އެމްޑަބްލިއުއެސްސީ ގުޅިގެންވަނީ ގިނަ ތަޙްލީލްތަކެއްކޮށް އެކަން ކަށަވަރުކޮށްފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ ފެނުގެ ކޮލިޓީ ބެލުމަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ސަޕްލައި ފެން އެކި ސަރަޙައްދުތަކުން ސާމްޕަލް ނަގައި ތަހްލީލުކޮށް، އެ ފެނުގައި ހުރި މާއްދާތައް ބަލައި ދެނެގަނެފައިވާކަމަށެވެ. އަދި އެ ފެނަކީ ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރަށްވެސް ކޮލިޓީ ހިފަހައްޓައި، ބުއިމަށްވެސް އެންމެ އެކަށީގެންވާ ކޮލިޓީގައި ފޯރުކޮށްދެމުންދާ ފެނެއްކަން އެއޮތޯރިޓީން ކަށަވަރުކޮށްދެއްވާކަމަށެވެ.

އެމްޑަބްލިއުއެސްސީން ވިދާޅުވީ އެކުންފުނިން ކޮންމެ ދުވަހަކު އުފައްދާ ފެން ވަކި ޚާއްޞަ ޓެެސްޓްތަކެއް ކޮށް ފާސްވެގެން މެނުވީ ބޭނުންކުރުމަށް ދޫނުކުރާކަމަށެވެ.

މި ވަޢުދު ފުރިހަމަވިކަން އިޢުލާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެއަކީ ސަރަހައްދީ ޤައުމުތަކަށް ބަލާއިރުވެސް އެންމެ ކޮލިޓީ ރަނގަޅުކޮށް ސަޕްލައި ފެން އުފައްދާ ޤައުމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަޕްލައި ފެންނަކީ ބުއިމަށް އެންމެ ރައްކާތެރިފެންކަން ކަށަވަރުވެފައިވާއިރު، މިއީ ޕްލާސްޓިކް ފުޅި މަދުކުރުމަށްވެސް ލިބޭ ބޮޑު ފުސަތެއްކަމަށެވެ.

"
"ސަޕްލައި ފެނުގެ ރައްކާތެރިކަން އިތުރުކުރަން ފެންވައިރު ކުރުމުގައި ޤައުމީ ފެންވަރެއްގައި ބޭނުންކުރާނެ މިންގަނޑެއް ކަނޑައަޅާނަން. ދުވާލަކު 2 ލައްކައެއްހާ ޕްލާސްޓިކް ފުޅި ފެން ތައްޔާރުުކުރާއިރު، ޕްލާސްޓިކް މަދުކުރުމަށް ކުރެވޭނެ މުހިންމު ކަމެއް ސަޕްލައި ފެން ބޯން ފެށުމަކީ."
އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ފެނުގެ ކޮލިޓީ އަބަދުވެސް މޮނިޓަރ ކުރަމުން ގެންދާނެކަމަށާއި، ސަޕްލައި ފެނަކީ ސިއްޙީ އެއްވެސް މައްސަލައެއް ދިމާނުވާނެ ފެނެއްކަން ކަށަވަރުކޮށްދޭކަމަށެވެ.

"ސަޕްލައި ފެން ބުއިން އިތުރުކުރަން އެބަޖެހޭ. ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނަން." ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އުފައްދާ ފެން ހަމައެކަނި ފެންވެރުމަށާއި، ކެއްކުމަށް ބޭނުންކުރުމުގެ ބަދަލުގައި ބުއިމަށްވެސް އެފެން ބޭނުންކުރުމަށް އެކުންފުނިން އެދެއެވެ. މިކަން ޔަޤީންކޮށްދިނުމަށް އެންޑަބްލިއުއެސްސީން ހަދާ ފެނުގެ ޓެސްޓްތައް ކޮންމެ ހަފްތާއަކުވެސް އާއްމުންނަށް ފެންނާނެހެން ޝާއިޢުކުރުމަށް އެކުންފުނިން ވަނީ ނިންމަވާފައެވެ.