ޚަބަރު

ކުރީގެ ސަރުކާރުން ތިމާވެށީގެ ކަންކަމަށް ޚަރަދުކުރީ ސަލާންޖަހައިގެން - މިނިސްޓަރ


ކުރީގެ ސަރުކާރުތަކުން ތިމާވެށީގެ ކަންކަމަށް ޚަރަދުކުރީ ސަލާންޖަހައިގެންކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ވޭސްޓް އެނާޖީ ޕްލާންޓު ޤާއިމުކުރުމަށް ކޮރެއާ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ތިމާވެށީގެ ކަންކަމަށް ހޭދަކުރުމަށް ގެންގުޅެމުންއައި ސިޔާސަތަކީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން، ނޫނީ ޓެކްސް ފައިސާއިން ތިމާވެށީގެ އެއްވެސް ކަމަކަށް ޚަރަދު ނުކުރުން ކަމަށެވެ.

"އަޅުގަނޑަށް އިނގޭގޮތުން ކުރީގެ ސަރުކާރުން ތިމާވެށީގެ ކަންކަމަށް ގެންގުޅޭ ޢާއްމު ސިޔާސަތަކީ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ނޫނީ ޓެކްސްގެ ގޮތުގަ ލިބޭ ލާރި ތިމާވެށީގެ އެއްވެސް ކަމަކަށް ހަރަދު ނުކުރުން. ތިމާވެށިގެ ވާހަކަ ދައްކައިގެން ބޭރުން ސަލާންޖަހައިގެން މި ފައިސާ ހޯދަން ޖެހެނީ. ހޯދައިގެން ނޫނީޔާ މިއިން އެއްވެސް ކަމެއް ތިމާވެށި ހިމާޔަތް ކުރުމަށް ނުވަތަ ތިމާވެށީގެ ޚިދުމަތަކަށް ހަރަދެއް ނުކުރެވޭނެ." އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެމުންދިޔާ ފައިސާ ކުރީގެ ސަރުކާރުން ޚަރަދުކުރަމުންދިޔައީ ތިމާވެއްޓާ ނުގުޅޭ، ދައުލަތުގެ އެހެނިހެން ޚަރަދުތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިން ގްރީން ފަންޑެން ޤާއިމުކޮށް، ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް ޚަރަދުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަރަންމެންޓް މިނިސްޓްރީން ވިދާޅުވީ އައްޑޫގައި ޤާއިމުކުރާ "ވޭސްޓް ޓު އެނާޖީ" މަޝްރޫޢަކީ ސަރުކާރުން އަލަށް ޤާއިމުކުރި ގްރީން ފަންޑުން ޚަރަދުކުރާ ފުރަތަމަ މަޝްރޫޢުކަމަށެވެ.