ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓުގެ މަޝްރޫޢަކީ އެރަށުގެ އިތުރުން މުޅި ގދ. އަތޮޅުވެސް އެ މަޝްރޫއަކަށް އިންތިޒާރުކުރަމުންދާ މަޝްރޫއެއްކަމަށެވެ. އަދި މިހާރު އެ މަޝްރޫޢު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ ތެރޭގައި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަކީ އަމާޒެއްކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ތަރައްޤީގެ މިފަދަ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ބޭނުންވާކަންވެސް މިނިސްޓަރ އަސްލަމް ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މި ހިނގާ 2019 ވަނަ އަހަރު ނިމެންވާއިރަށް، ފަރެސްމާތޮޑާގައި އަޅާ އެއަރޕޯޓު ނިންމުމަށް އަޅުގަނޑު މިހުރީ އަމާޒު ހިފައިގެން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިމޭނެ. ސަރުކާރުގައި މަސައްކަތް ކުރަން އަޅުގަނޑުމެން ތިބޭއިރު، ރައްޔިތުން މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ." ޕްލޭނިންގ މިނިސްޓަރ ވިދާޅުވިއެވެ.
ފަރެސްމާތޮޑާގައި ސަރުކާރުން ތަރައްޤީކުރަމުންދަނީ 1200 މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. މިއީ ސަރުކާރުން ހަތަރު މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެރަށުގައި އެއަރޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދަނީ ކުރަމުންނެވެ. އާބާދީގައި 1200 އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓު އެޅުމަށްޓަކައި އެރަށުގެ ފަޅުތެރެއިން 19.8 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.