ދުނިޔެ

އިންތިޚާބުގެ ދެވަނަ ބުރުން ސާކޯޒީގެ ޕާޓީއަށް ބޮޑު ކާމިޔާބީއެއް


ފަރަންސޭސިވިލާތުގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ ކުރީގެ ރައީސް ނިކޮލައި ސާކޯޒީގެ ޕާޓީ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.މިއިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުންނިމި ނަތީޖާތައް ހާމަކުރަމުން ގެންދާއިރު މިހާތަނަށް އެންމެ ގިނަ ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ކުރީގެ ރައީސް ނިކޮލައި ސާކޯޒީގެ ޕާޓީއެވެ. އަދި މިއިންތިޚާބުގައި ފަރަންސޭސި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީއެއްކަމަށްވާ ނެޝަނަލް ފްރަންޓް ޕާޓީވެސް ވަނީ މިހާތަނަށް ހޯދާފައިނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.ފަރަންސޭސި ސިޔާސީ މަސްރަޙުގެ މެދުތެރޭން އެޕާޓީ އެކަށީގެންވާ ޖާގައެއް ލިބުމުން ފަރަންސޭސިވިލާތުގައި ވެރިކަންކުރާ ސޯސަލިސްޓް ޕާޓީ ކަންބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީއެއްކަމަށްވާ ނެޝަނަލް ފްރަންޓް ޕާޓީ އަކީ ފަރަންސޭސިވިލާތަށް ހިޖްރަކޮށްގެން ދިރިއުޅޭ ބޭރުގެ ފަރާތްތައް އެގައުމުން ބޭރުކޮށް ހިޖްރަކުރުން މަނާކުރުމަށް ފާޅުގައި ގޮވާލަމުން ގެންދާ ޕާޓީއެކެވެ.