ސިޔާސީ

މަޖިލިސް އިންތިޚާބު އޮބްޒާވްކުރުމުގައި 7000ވުރެ ގިނަ މީހުން ތިބޭނެ - އީސީ


އަންނަ މަހުގެ 6 ވަނަދުވަހު ބާއްވާ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގެ ކަންކަން ކުރިޔަށްދާ ގޮތް ބެލުމުގައި 7000 ވުރެ ގިނަ މޮނީޓަރުންނާއި އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ގޮތުގައި 1663 މީހުން ހަރަކާތްތެރިވާނެކަމަށެވެ. އަދި އިންތިޚާބުގެ ކަންކަނ ހިނގާ ނުހިނގާގޮތް ބެލުމުގައި ރާއްޖޭގެ 3624 އޮބްޒާވަރުން ހަރަކާތެރިވާއިރު އެކި މީޑިއާތަކުން 2229 މޮނީޓަރުން ތިބޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު ދީގެން އިންތިޚާބު އޮބްޒާވުކުރުމަށް 11 ޤައުމަކުން މަންދޫބުން އަންނާނެކަމަށާއި ބައިނަލްއަޤްވާމީ އެކި ޖަމާއަތްތަކަށް ނިސްބަތްވާ 4 މޮނިޓަރުންވެސް މަޖިލީހުގެ އިންތިޚާބުގެ ކަންކަން ބެލުމުގައި ހަރަކާތްތެރިވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 389 ކެނޑިޑޭޓުން ވާދަކުރާއިރު ވޯޓްލުމަށް 501 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެން ވެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރިއާއި އެކު ކެންޕެއިންގެ ހަރަކާތްތައް ހިންގަމުންނެވެ.