ތަރައްްޤީ

އަލަށް ބެހެއްޓި ރާޑަރ ސިސްޓަމާއިއެކު، އެއަރ ޓްރފިކް ބެލެހެއްޓުމުގެ ރައްކާތެރިކަން އިތުރުވާނެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ބެހެއްޓި ރާޑަރ ސިސްޓަމާއިއެކު، އެއަރ ޓްރެފިކް ބެލެހެއްޓުމުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފިއެވެ.

ވީއައިއޭގައި ބަހައްޓާފައިވާ މޯޑް-އެސް ރަރޑަރ ސިސްޓަމަކީ ވައިގެ އުދުހުންތަކުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެންމެ ޒަމާނީ ފެންވަރުގެ ރާޑަރ ސިސްޓަމެކެވެ.

މި ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ ވަައިވެ ސަރަޙައްދުގައި އުދުހުންތައް ކުރިއަށްގެންދާ ފްލައިޓާއި، އަދި އެހެނިހެން އެއަރ ކްރާފްޓްތައް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި ގިނަ ބޯޓުތައް ވައިގެތޭރޭގައި އުޅޭ ވަގުތުތަކުގައި، އެއް އުޅަނދު އަނެއް އުޅަނދައް ދަތިނުވާ ގޮތަށް އުދުހުންތައް ކުރިއަށްގެންދިއުމަށްވެސް މި ރާޑަރ ސިސްޓަމް އެހީވެދޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އަދި ފްލައިޓްތައް ޖައްސާ ވަގުތާއި، ޓޭކްއޮފް ކުރާ ވަގުތުތަކުގައި، އެއަރ ޓްރެފިކް ކޮންޓްރޯލްކުރުމަށް ލުޔެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ފާހަގަކުރާ ގޮތުގައި އެކަމުގެ ސަބަބުން އެއަރ ޓްރެފިކްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، ފްލައިޓްތަކަށް ބޭނުންވާ އިރުޝާދާއި މަޢުލޫމާތުތައްވެއް ދިނުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މުޅިން އަަލަށްހެދި މި ރާޑަރ ސިސްޓަމަކީ އެއަރ ޓްރެފިކް ބެލެހެއްޓުން ހަރުދަނާކޮށް، އެ މަސައްކަތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ ގޮތުން ބެހެއްޓި ރާޑަރ ސިސްޓަމެކެވެ.