ޚަބަރު

ފުނަދޫ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ދެދުވަހުގެތެރޭ ނިންމާލެވޭނެ - އެމްޓީސީސީ


އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަފުޅުދައްކަވަމުން ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފް ވިދާޅުވީ ފުނަދޫ އެއަރޕޯޓްގެ މަސައްކަތައް ނިންމުމަށްޓަކައި ބާރުދުވެލީގައި މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ކުރިއަތްއޮތް ދެދުވަހެއްގެ ތެރޭގައި އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ހުރިހާ މަސައްކަތްތަކެއް ނިންމައި ޓެސްޓް ފްލައިޓް ޖެއްސޭވަރުވާނެކަމަށެވެ.

"ށ.ފުނަދޫގެ މަސައްކަތް ދެދުވަހެއްގެ ތެރޭގައި ނިމޭނެ.އެއާއެކު ޓެސްޓް ފްލައިޓް ޖައްސާ އެއަރޕޯޓް ބޭނުންކުރެވޭ ހާލަތަކަށް އަންނާނެ." އަޙްމަދު ލަޠީފް ވިދާޅުވިއެވެ.

ފުނަދޫ އެއަރޕޯޓްގައި ތާރުއަޅަން ފެށީ މިދޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމައި ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ އޭ.ސީ.ބީ ލޭޔަރ އެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.

ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 89މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓްގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ތެރެއިން ފުނަދޫ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކުމާއި، ރަންވޭއާއި އޭޕްރަންއާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީންނެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ ފުނަދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން އެރަށުގައި އަޅަން ނިންމާފައިވަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ. ކުރިން 21 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއަށް މިހާރު ވަނީ 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައިފައެވެ.

މީގެ އިތުރުން ގދ.މާވާރުލު އެއަރޕޯޓްގެ ރަންވޭގައި ތާރުއެޅުމަށް ތައްޔާރުވެފައިވާކަމަށް އެމްޓިސީސީން ވިދާޅުވެއެވެ. މިގޮތުން ތާރު އެޅުމުގެކުރިން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށާ ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ރަންވޭގައި ތާރުއަޅައި ނިމޭނެކަމަށް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ލަޠީފް ވިދާޅުވިއެވެ.

"މި އެއަރޕޯޓްގެ ރަންވޭގައި ތާރުއެޅުމުގެ ކުރިން އަޅާ އޭސީބީގެ މަސައްކަތްތައް ވަނީ ނިމިފައި. މިހާރު ތާރުއެޅުމަށް ވަނީ ތައްޔާރުވެފައި. އުއްމީދަކީ ދޮޅުމަހެއްހައި ދުވަހުގެ ތެރޭގައި ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލުން" އަޙްމަދު ލަޠީފް ވިދާޅުވިއެވެ.

މާވާރުލު އެއަރޕޯޓްގެ ރަންވޭއާއި އޭޕްރަންއާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. މިމަސައްކަތް އަގަކީ 57 މިލިޔަން ރުފިޔާއެވެ.