ސިޔާސީ

ރައީސް ޔާމީންގެ ތާޢީދާއެކު ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާޢީދުނުކުރާނަން - ނަހުލާ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ތާޢީދާއެކު މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް ތާޢީދު ނުކުރައްވާނެކަމަށް ވިދާޅުވެ ޓްރާސްންޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބަހުގެ ހޫނު ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް ރައްދުކޮށްފިއެވެ.

ރޭ ހުޅުމާލޭގައި ރެސްޓޯރަންޓެއް ހުޅުވުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ، އެކަމާނާ ހުންނަވާނީ މި ސަރުކާރުގެ ދިފާޢުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ތާޢީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެކަމަނާގެ ތާޢީދެއް ނޯންނާނެ ކަމަށެވެ. އަދި އެކަމަނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީވެސް އޮންނާނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަޙުލާ ވިދާޅުވީ މި ސަރުކާރު ރައްޔިތުން ގެނައީ އަމާންކަމާއި މިނިވަންކަމާއެކު ރައްޔިތުންނަށް ދިރިއުޅޭވޭނެ މާހައުލެއް ޤާއިމްކޮށްދޭނެކަމުގެ ވަޢުދާއިއެކު ކަމަށެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓުން ވާދަކުރާ ދާއިރާތަކަށް ޖުމްހޫރީ ޕާޓީން ތާޢީދުކުރަން ނިންމާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޖޭޕީގެ ސްލޮޓްގައި މި ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ވަޒީރުން ގެންދަވަނީ އެޕާޓީގެ ނިންމުމާއި ދެކޮޅު ހައްދަވާ، އިދިކޮޅު ކެނޑިޑޭޓުންނަށް ތާޢީދުނުކުރާނެކަމަށް ވިދާޅުވެ ސަރުކާރުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުންނެވެ.