ސިޔާސީ

8 ފެބްރުއަރީގެ ހަމަނުޖެހުންތަކުގައި ދަޢުވާކުރި 70 މީހެއްގެ މައްސަލަ ރިވިއުކުރަން ހުށަހަޅައިފި


ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އޭރު އޮތް އެމްޑީޕީގެ ސަރުކާރު ބަދަލުކުރުމާއި އެކު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސަރުކާރުން ދަޢުވާކުރި އެމްޑީޕީ 70 މީހެއްގެ މައްސަލަ ރިވިއު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުކުރުމާއި އެކު ހިނގި ހަމަނުޖެހުންތަކުގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް ބައެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ ވަނީ އުފުލާފައެވެ. އެ މައްސަލާގައި އެމްޑީޕީން ބުނީ، ބަޔަކު ރާވައިގެން އޭރު އޮތް އެމްޑީޕީގެ ސަރުކާރު ވައްޓާލައި ހިނގި ހަމަނުޖެހުމުގައި، ޓެރަރިޒަމްގެ ޢަމަލު ހިންގި ކަމަށް ބުނެ އައްޑު ސިޓީއަށް ނިސްބަތްވާ 70 މީހަކަށް ދަޢުވާ ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު އެޕާޓީން ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ،، މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު "ތަޖުރީމުކުރާ" އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން އެންމެ ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ބައްޓަން ކުރާނެކަމަށް މިސަރުކާރުގެ ބަންޑާރަނައިބު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އެ މައްސަލަތައް ރިވިއު ކުރުމަށް ޕީޖީއަށް ހުށަހެޅީ އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭ އަދަބަކީ ލުއި އަދަބަކަށް ނުވާނެތީ ކަމަށެވެ.

ވެރިކަން ބަދަލުވުމާއި އެކު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖުމަލް 164 މީހަކަށް ޓެރަރިޒަމްގެ ދަޢުވާ ވަނީ އުފުލާފައެވެ. އެއީ އައްޑޫ ސިޓީއަށް ނިސްބަތްވާ 70 މީހަކާއި، ގދ.ތިނަދޫއަށް ނިސްބަތްވާ 94 މީހަކާއި ލ.އިސްދޫއަށް ނިސްބަތްވާ 4 މީހެކެވެ. މީގެ އިތުރުންވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ވަނީ ކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ދަޢުވާތައް އަނބުރާ ގެންގޮސްފައިވާއިރު ބައެއް މީހުންގެ މައްސަލަތައް ވަނީ ޖޫރިމަނާކުރުމަށްފަހު ނިންމާލާފައެވެ.

ދެހާސް ބާރަވަނަ އަހަރު އޭރު އޮތް އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު، ޖެހިގެން އައި ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.