ސިއްހަތު

ދެ ރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރަނީ


ރާއްޖޭގެ ދެ ރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީ ކުރުމަަށް ހެލްތް މިނިސްޓްރީން ނިންމަވާފައިވަނީ ނ.ވެލިދުއާއި ޅ.ހިންނަވަރުގެ ސިއްޙީ މަރުކަޒެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ޙިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ރަށްރަށުގައި ދެމުންގެންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ދަރަޖައަށް ބަދަލު ކުރުމަށް ނިންމާފައިވާ ރަށްތަކުގައި އެ ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި ދެރަށުގެ އިތުރުން އެކި ރަށްރަށުގައި ހުރި ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަލަށް އަޅާ ހޮސްޕިޓަލްތަކާއި އިތުރަށް ތަރައްޤީކުރާ ސިއްޙީ ޙިދުމަތްދޭ ތަންތަން ތަރައްޤީ ކުރާއިރު އެކަމަށް ވިސްނައި އެތަންތަނާއި އެކަށީގެންވާ ވަރަށް ޕްރައިވެޓް ރޫމްތައްވެސް އެޅުމަށް ނިންމާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ނ.ވެލިދޫ، ޅ.ހިންނަވަރު، ދ ކުޑަހުވަދޫ ނ،މަނަދޫ އަދި ބ އޭދަފުށި ހިމެނެއެވެ.

ދާދި ފަހުން ހެލްތް މިނިސްޓްރީން ވަނީ ސެނަހިޔާ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ސިފައިންގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި މިމަހުގެ ތެރޭގައި އެތަން ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވަމުންދާކަންވެސް ހާމަކުރައްވާފައެވެ.