ޚަބަރު

މައްސަލަ ދިމާވި ފްލައިޓްގެ ކްރޫއިންނަށް އެންމެންގެ ތަޢުރީފް


އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް މަސައްކަތްކޮށް، ލޭންޑިން ގިއަރަށް ދިމާވި މައްސަލައަކާއި ހެދި ނުޖެއްސި އެތައް ވަގުތެއް ހޭދަ ކުރުމަށްފަހު އިމަޖެންސީގައި ގަން އެއަރޕޯޓަށް ޖެއްސި އެ ބޯޓުގެ ޕައިލެޓުންނަށާއި ކްރޫއިންނަށް ގިނަބަޔަކު ތަޢުރީފް ކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ކޮމިޔުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ފްލައިޓް އެމަރޖެންސީގައި ޖައްސާފައިވަނީ ލޭންޑިންގ ގިއަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ. އެކަމުގެ ސަބަބުން އެ ފްލައިޓުގެ މަންޒިލު ކަމުގައިވާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭންޑު ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު ހޭދަވިއެވެ.

ޤައުމީ އެއަރލައިންގެ މި ބޯޓަށް ދިމާވި މައްސަލައާ ގުޅިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ވަނީ އެމެޖެންސީ ޙާލަތަކަށްވެސް ގެނެސްފައެވެ. ލޭންޑިން ގިއަރަށް މައްސަލަ ދިމާވިއިރު އެ ބޯތުގައި 44 ޕަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މޯލްޑިވިއަނުން ބުނީ އެ އެއަރލައިންގެ Q2118 ފްލައިޓުގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވި ނަމަވެސް ފްލައިޓު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޓު ޖެއްސީ އެހެން "އޯލްޓަރނޭޓިވް"އެއްގެ ދަށުން ކަމަށެވެ. އެނގިފައިވާ ގޮތުގައި ފްލައިޓު ލޭންޑު ކުރީ މެނުއަލްކޮށް ލޭންޑިން ގިއަރު ވައްޓާލައިގެންނެވެ.

ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއި އެކު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޓު ޖެއްސުމާއިއެކު ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ބޯޓުގެ ކެޕްޓަން ޢަބްދުލް ބާޞިތު އިބްރާޙީމަށާއި ކޯ ޕައިލެޓު ރިމާޙް ރުޝްދީ އަދި ފްލައިޓު ސުޕަރވައިޒަރ ހަސްނާ މުޙައްމަދަށް ތަޢުރީފް ކުރަމުންނެވެ. އޭގެތެރޭގައި ދަޢުލަތުގެ ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނީގެ ޓީމުގައި ތަމްރީނު ލިބިފައިވާ މޮޅު ޕައިލެޓުން ތިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. މައްސަލަ ދިމާވި ފްލައިޓުގެ ކެޕްޓަން ބާޞިތަކީ ގަން އޭވިއޭޝަން ސްކޫލުން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތެކެވެ. އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ ފްލައިޓުގެ ކްރޫއިން ދެއްކި ހިތްވަރަށް ތަޢުރީފް ކޮށްފައެވެ.

ސަލާމަތްތެރިކަމާއި އެކު މޯލްޑިވިއަންގެ ފްލައިޓު ދަތުރުކުރި އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ ބޯޓުގެ ކްރޫއިންނަށް ތަޢުރީފް ކުރައްވާ ޓްވީޓު ކުރައްވާފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޒުވާނުންނަކީ އެމީހެއްގެ ދާއިރާގައި މި ޤައުމު ފަޚުރުވެރި ކުރުވާނެ ބަތަލުންކަން މޯލްޑިވިއަންގެ Q2118 ފްލައިޓުން މިއަދު ދަތުރުކުރި ކްރޫއިން ސާބިތު ކޮށްދީފައިވާ ކަމަށެވެ. އަދި މޯލްޑިވިއަންގެ ޓެކްނިކަލް ކްރޫއިން ދެއްކި ހިތްވަރަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

ޓްވީޓަރގައި މީހަކު ވަނީ މިއަދު މައްސަލަ ދިމާވި ފްލައިޓުން އޭނާގެ ދެ ދަރިން ދަތުރުކުރިކަން ފާހަގަކޮށް، ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި އެކު ފްލައިޓު ލޭންޑް ކޮށްދިން ކަމަށްޓަކައި މޯލްޑިވިއަންގެ ކްރޫއިންނާއި އިންޖިނިއަރިންގ ޓީމަށް ޝުކުރު އަދާކުރާ ކަމަށެވެ.