ޚަބަރު

މާލޭ މަގުތަކުގައި ހުރި ޑީވޯޓަރިންގ ހޮޅިތައް ނެގުމަށް ކައުންސިލުން ނިންމައިފި


މަސައްކަތް ނިންމުމަށްފަހު މާލޭގެ މަގުތަކުގައި ނުނަގައިހުރި ޑީވޯޓަރިންގ ހޮޅިތައް ނެގުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ސިފާ ވިދާޅުވީ، މަސައްކަތް ނިންމުމަށްފަހު ނުނަގާ ހުރި ޑީވޯޓަރިން ހޮޅިތަކާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ނަމާއި މަޢުލޫމާތު ނުޖަހާހުރި ހޮޅިތައް ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ނަގާނެކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ބޭރުކުރުމަށްޓަކައި މަގުތަކުގައި ގިނަ އަދަދެއްގެ ޑީވޯޓަރިންގ ހޮޅިތަކެއް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ އަޅާފައެވެ. މިފަދަ ހޮޅިތައް މަޖީދީމަގާއި، އަމީނީމަގާއި، ބޮޑުތަކުރުފާނުމަގު ފަދަ މާލޭގެ ބޮޑެތި މަގުތަކުގެ އެކި ތަންތަނުގައި އަޅާފައިވެއެވެ. އަދި ބައެއް ހަނިމަގުތަކުގައިވެސް ޑީވޯޓަރިން ހޮޅިތައް އަޅާފައިވެއެވެ. މަގުތަކުގައި އެގޮތް މިގޮތަށް އަޅާފައި ހުންނަ ހޮޅިތަކުގެ ސަބަބުން ޕާރކް ކުރުމަށާއި، ހިނގާ ބިނގާވެއުޅޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މި ހޮޅިތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވެއެވެ.

މާލޭގެ ބައެއް މަގުތަކުގައި ޖެހިޖެހިގެން 4-5 ހޮޅިވެސް އަޅާފައި ހުރެއެވެ. މިގޮތަށް ހުންނަ ހޮޅިތަކުގެ ސަބަބުން ޕޭވްމަންޓުގައި ހިނގަން އޮންނަ ޖާގަ ކުޑަވެ، ވެހިކަލްތައް ޕާކުކުރުމަށް އޮންނަ ޖާގަވެސް ކުޑަވެގެންދެއެވެ. އަދި މިފަދަ ހޮޅިތަކުން ފެން ލީކުވެ، މަގުމަތީގައި ފެންބޮޑުވާ މައްސަލަވެސް ދޭތެރެ ދޭތެރެއިން ދިމާވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގެ ބިމުގެ ހާލަތުހުރިގޮތުން އިމާރާތްކުރުމަށް ކޮންނަ ކޮނުމުގައި އުފެދޭ ފެން ބިމަށް ހިންދުމަކީ ކުރުން އެހާ ރައްކާތެރިކަމަކަށްނުވާއިރު، ހޮޅިއަޅައިގެން ނޫނީ އެފެން ބޭރުކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

"
"ބައެއް ކުންފުނިތަކުން މި ހަދާގޮތަކީ އެއްގޮތަކަށްވެސް ނަންނުޖަހާ ހޮޅިތައް ބަހައްޓަނީ. މަސައްކަތް ނިމުނީމަ ހޮޅިނަގަން އޮވޭ އަސްލުގަ. އެކަމެއް ބައެއް ފަރާތްތަތަކުން ނުކުރޭ. ނަންނުޖަހާ ހުންނަ ހޮޅިއަކީ ކޮން ޕްރޮޖެކްޓެއްކަމެއް އަޅުގަނޑުމެންނަކަށް ނޭންގޭ، އެހެންވީމަ ހޮޅިތައް ނަގަން އަޅުގަނޑުމެން މި ނިންމީ. ހޮޅިއަޅާފައި، މަސައްކަތް ނިމުނީމަ، އަނެއްކާ އެ ހޮޅި އެ ސަރަޙައްދުގައި ހުރި އެހެން ބަޔަކު ބޭނުންކުރަންދޭ ދިނުން، މިފަދަ މުޢާމަލާތްތަކެއް ހިނގަމުންދާކަންވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި."
މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅާ އެފަދަ ހޮޅިތައް މަސައްކަތް ނިންމުމަށްފަހު ނެގުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވަކި މުއްދަތެއް އެފަރާތްތަކަށް ދޭކަމަށާއި، ނަމަވެސް ބައެއް ކުންފުނިތަކުން ތަފާތު ސަބަބުތަކާހުރެ އެކަން އެގޮތަށް ނުކުރާކަމަށެވެ. އެހެންކަމުން ކޮންބައެއްގެ ހޮޅިތަކެއްކަން ނޭންގޭގޮތަށް މަގުތަކުގައި އަޅާފައިހުރި ހޮޅިތަކަކީ ކޮބައިކަން ބަލާ، އެ ހޮޅިތައް ނެގުމުގެ މަސައްކަތް ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި ފަށާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"މި ހަފްތާގެ ތެރޭގައި ހުރިހާ ސުޕަވައިޒަރުންނަށް އަންގާފައިވާނެ ނަންނުޖަހާ ހުރި ހުރިހާ ހޮޅިތަކެއް، ނަންޖެހުމަށް މުއްދަތެއް ދިނުމަށްފަހު އެ ހޮޅިތައް ނެގުމަށް. މިހެން ދެންނެވިޔަސް ހުރިހާ ހޮޅިއެއް އަދިނުއެއް ނެގޭނެ. މިހާރު މިއޮތީ މާލޭގެ މަގުތަކަށް ފެން ހިންދޭގޮތަކަށް ނޫން. ފެން ހިންދައިފިއްޔާ މުޅި ސަރަޙައްދުގައި ވަސްވެސް ދުވާނެ. ރައްޔިތުންނަށް ހިނގާއުޅެން އުނދަގޫވާނެ. އެހެންވީމަ އެނޫންގޮތެއް ހޯދަންވެސް އަޅުގަނޑުމެން އެބަޖެހޭ. ކުންފުނިތަކުން އަޅުގަނޑުމެންނަށް އެއްބާރުލުންދީ، އެކަން ކުރަން އޮންނަ އުސޫލުން ކުރުމަށްފަހު ހޮޅިތައް ނަގާނަމަވެސް، މި މައްސަލަ ދިމާވާލެއް ކުޑަވީސް." ސިފާ ވިދާޅުވިއެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި އަޅާފައިވާ ޑީވޯޓަރިންގ ހޮޅިތަކުގެ ތެރެއިން، މަސައްކަތް ނިންމުމަށްފަހު ނުނަގާ ހުރި ހޮޅިތައް ވީއެންމެ އަވަހަކަށް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަން މޮނިޓަރކުރުމުގެ މަސައްކަތް އީޕީއޭއާއި ގުޅިގެން ކުރަމުންދާނެކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.