ޚަބަރު

ޓެކްސީ ޕާރކް ކުރުން ހުޅުމާލެއަށް ބަދަލުކޮށް، އިތުރު ޕާރކިންގ ޒޯންތަކެއް ތަރައްޤީކުރަނީ


މާލޭގައި އެއްގަމު އުޅަނދު ޕާރކްކުރާނެ އިތުރު ޖާގަތައް ހެދުމުގެ މަޝްރޫޢުތަކެއް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މާލެއަށް ދިމާވެފައިވާ ޕާރކިންގ މައްސަލަ ހައްލުކުރުމުގެ ޕްލޭން މާލެ ސިޓީގެ ރައްޔިތުންނާ ޙިއްޞާ ކުރައްވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިކަން ހައްލުކުރުމަށް ސިޓީ ކައުންސިލުން ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ހައުސިންގ ޑިވަލޮޕްމަންޓް ކޯރޕަރޭޝަން، އެޗްޑީސީއާ ގުޅިގެން 250 ޓެކްސީ ޕާރކް ކުރެވޭވަރުގެ ޖާގައެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށާއި، އާރޓިފިޝަލް ބީޗް ސަރަހައްދާއި ލޮނުޒިޔާރަތްކޮޅުގައި ޕާރކް ކުރުމަށް ހަދާފައިވާ ޖާގަތައް ހުސްކުރުމަށްފަހު، އޯޑިއޯން ސަރަހައްދާއި، އެމްޓީސީސީގެ ހުސްބިމާއި، މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮތް ހުސްބިމުގައިވެސް އުޅަންދުތައް ޕާރކް ކުރެވޭނެ ޖާގަ ހަދަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ.

"މަޖީދިއްޔާ އެނެކްސް ތަރައްޤީކުރަނީ ޕާރކަކާއެކު ޕާރކިންގ ސްޕޭސްއެއްގެ ގޮތުގައި. ވެލާނާގެ ޕާކިން ސްޕޭސް ނިމިފަވާއިރު މިހާރު ހުކުރު މިސްކިތް ކައިރީގައި ޕާރކްކުރުން ވަނީ މަނާކޮށްފަ. އޯޑިއޯން ސަރަހައްދުގެ އިތުރުން އިތުރު ދެތިން ބިމެއް ލިބޭނެކަމުގެ އުންމީދުވެސް އަޅުގަނޑުމެން އެބަކުރަން." މާލެ ސިޓީ މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތަކާއެކު ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ ވިދާޅުވީ، ޓްރެފިކް ކޮންޓްރޯލް ކަރުދާހެއް ތައްޔާރުކޮށް ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ކެބިނެޓަށް ހުށަހަޅުއްވާނެކަމަށާއި، ކެބިނެޓުން ގޮތެއް ކަނޑައެޅުއްވުމުން މަގުތަކުގައި ހުރި ގިނަދުވަސްވީ އުޅަނދުތައް ޓޯވް ކުރުމުގެ ފުރުޞަތު އިތުރަށް ފަހިވެގެންދާނެކަމަށެވެ.

"މާލޭގެ ޓްރެފިކް ކޮންޓްރޯލްކުރުމުގައި ސިޓީ ކައުންސިލުގެ ދައުރު އިތުރު ކުރުމަށް އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ. އެގޮތުން މާލެ ސިޓީގައި ދުވަސްވީ އުޅަނދުތައް ޓޯވް ކުރުމުގައިވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނަން. އެގޮތުން އެޗްޑީސީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަސައްކަތްކުރަމުން މިދަނީ." މާލެ ސިޓީގެ މޭޔަރ ސިފާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އާބާދީބޮޑު މާލެ ސިޓީގެ ޕާރކިންގ މައްސަލައަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ދަތިކަމެކެވެ.