ޚަބަރު

މާލޭގައި 4 ފަންގިފިލާގެ މާރުކޭޓެއް އަޅަނީ


މާލޭގައި 4 ފަންގިފިލާގެ އެންމެ ޒަމާނީ ފެންވަރުގެ މާރުކޭޓެއް އެޅުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރަށްވެހިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުކުރުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، މާލޭގައި މިހާރު ހުރި މާރުކޭޓަކީ ސާޅީސް ދެހާސް މީހުންގެ އާބަދީއަކަށް ޚިދުމަތް ދިނުމަށް ހަދާފައިވާ މާރުކޭޓަކަށްވުމުގެ ސަބަބުން، މާލޭ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށެވެ. ދަތުރުވެރިންގެ މާރުކޭޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކާ މަޝްވަރާކުރުމަށްފަހު މާލޭގެ މިހާރުގެ އާބާދީއަށް އެކަށީގެންވާ ޖާގައިގެ މާރުކޭޓެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

މާލޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ މާރުކޭޓަކީ 4 ފަންގިފިލާގެ މާރުކޭޓެއް ކަމަށާއި، މި މާރުކޭޓް އިމާރާތަކީ ލިފްޓް ފަދަ އެންމެ ޒަމާނީ ވަސީލަތްތަށް ޤާއިމުކޮށްފައި ހުންނަ އިމާރާތަކަށްވާނެކަމަށް ސިފާ ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރ ވިދާޅުވީ ވިލިމާލޭގައިވެސް އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކަކާއެކު އައު މާރުކޭޓެއް އެޅުމަށް ނިންމާފައިވާކަމަށެވެ. ވިލިމާލޭގައި ހަދާ މާރުކޭޓްގައި އައިސް ޕްލާންޓަކާއި މަސް މާރުކޭޓެއްވެސް ހުންނާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތަށް ކުރަނީ ވަކި ކޮމިޓީތަކަކަށް ބަހާލައިގެން. އެގޮތުން މާލެއާއި ވިލިމާލޭގަ އައު މާރުކޭޓް އެޅުމުގެ މަސައްކަތް ސަރުކާރުގެ ވުޒާރާތަކާއިއެކު އަޅުގަނޑުމެންގެ މާރުކޭޓް ކޮމިޓީއިން ކުރަމުންދޭ. އެގޮތުން މާލޭގައި 4 ފަންގިފިލާގެ މަރުކޭޓެއް އެޅުމުގެ މަސައްކަތްކުރަމުން މިދަނީ." މާލެ ސިޓީގެ މޭޔަރ ސިފާ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މާލޭގެ ރަށްވެހިންނާ ބައްދަލުކުރުމަށް ބޭއްވި މި ބައްދަލުކުރުމުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭ ރައްޔިތުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުންވަނީ އެ ކައުންސިލުން ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތަކުގެ މައުލޫމާތު ބައިވެރިންނަށް ޙިއްޞާކޮށްފައެވެ.