ޚަބަރު

ކޯލިޝަން ސަރުކާރު ވަނީ އެމްޑީޕީގެ ތަރިކަ މުދަލަކަށް ހަދާފައި - ކޮންގެރެސް ކޯލިޝަން


ކޯލިޝަނަކުން އުފެދުނު ސަރުކާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ތަރިކަ މުދަލަކަށް ހަދާހަދާފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމާއި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ އެތައް ބައެއްގެ މަސައްކަތުން އެކުލަވާލެވުނު ސަރުކާރެއް ނަމަވެސް އެކަން ހަނދާން ހުރި ފަރާތެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި ޖުމްހޫރީ ޕާޓީ ޖޭޕީ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތެއް ނޫން ކަމަށާއި އަދާލަތު ޕާޓީވެސް ކޯލިޝަންގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރު ވަނީ އެމްޑީޕީގެ ތަރިކަ މުދަލަކަށް ހަދާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

"ސަރުކާރު އެ އޮތީ އެމްޑީޕީ އަތުގައި. މިއަދު އެމްޑީޕީގެ އަމިއްލަ ތަރިކަ މުދަލެއްގެ ގޮތުގައި އެކަން ހަދާ ނިންމައިފި. އެއްމެދު ވިޔަފާރިއެއްގެ ގޮތުގައި އެއްމެދު ބެހުމެއްގެ ގޮތުގައި އެކަމެއް ނެތް." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ކޮންޓްރޯލް ކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި އެމަނިކުފާނަކީ އެތަނުން އެއްވެސް ކަމެއް ކޮންޓްރޯލް ކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ރައީސް ޞާލިޙާމެދު ރައްޔިތުންގެ މެދުގައި އިތުބާރު ކުޑަވަމުންދާކަން ނިހާން ފާހަގަ ކުރެއްވިއެވެ.

"މުޅި ސަރުކާރާއި މުޅި އެމްޑީޕީ ކޮންޓްރޯލް ކުރަނީ ރައީސް ނަޝީދު. އެއީ ޤާނޫނީ ގޮތުން މިތަނުން އެއްވެސް ކަމެއް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރުވެރިކަމެއް އާރުވެރިކަމެއް ޤާނޫނީ ގޮތުން ލިބިފައިވާ ބޭފުޅެއް ނޫން." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަން ވައްޓާލުމަށް އެ ފަރާތަކުން މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ރާއްޖެގައި ބަރުލަމާނީ ނިޒާމު އެކުލަވާލައި ރައީސް ޞާލިޙް ވެރިކަމުން ދުރުކުރައްވައި ގޭގައި ބެހެއްޓެވުމުގެ ނުރައްކާތެރި ރޭވުން ރާވަމުން ކަމަށެވެ. އެގޮތުން އެކަން ކުރައްވަނީ ވަރަށް ނުބައި ރޭވުމެއްގެ ތެރެއިން ކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ.

"ރައީސް ޞާލިޙް ވެރިކަމުން ބޭރުކުރުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ ޕީޕީއެމް ޕީއެންސީ އަކުން ނޫން. ގ.ކެނެރީގޭ ނަޝީދާއި އޭނާއަށް ތާއިދުކުރާ ބައެއް ފަރާތްތަކުން ވެރިކަމަށް އަންނާނެ މަގު ކޮށަން ބަރުލަމަނީ މަޖިލީހެއް އެކުލަވާލައި އެ މަޖިލީހުގެ ތެރެއިން ރައީސް ޞާލިޙް ގޭގައި ބެހެއްޓުމުގެ ނުރައްކާތެރި އެޖެންޑާ ކުރިއަށް މިދަނީ." ނިހާން ވިދާޅުވިއެވެ.

މި މޭރުމުން ނިހާން ވާހަކަފުޅު ދެއްކެވިއިރު މީގެ ކުރިންވެސް ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޞާލިޙް ވެރިކަމުން ދުރުކުރުމަށްޓަކައި ރައީސް ނަޝީދު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ރައީސް ޞާލިޙްގެ ވެރިކަން ވައްޓާލުމަށް ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.