ޚަބަރު

ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރި މީހުންނާމެދު ޤާނޫނީ ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނަން- ރައީސް


ދައުލަތުގެ ބައިތުލްމާލުން ވައްކަން ކުރި މީހުން ހޯދައި އެބަޔަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ފަސްޖެހި ވަޑައިނުގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހުޅުމީދޫއަށް މިއަދު ވަޑައިގެން ހުޅުމީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވަނީ، ދަޢުލަތުގެ ބައިތުލްމާލުން ވައްކަންކުރި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ޚިޔާނާތްވި މީހުންގެ މައްސަލަތައް ވަރަށް ބާރު ސްޕީޑެއްގައި ބަލަމުންދާކަމަށެވެ. ރައީސް ސާލިހް ވިދާޅުވީ، ދަޢުލަތުގެ ބައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާނުލާނެ ކަމަށެވެ.

އެކި ފަރާތްތަކުގެ އިހުމާލުން ދައުލަތައް ނުލިބި ގެއްލުނު ފައިސާތައް ހޯދުމުގެ މަސައްކަތް ފަށައި އެކަމަށްޓަކައި ރިޔާސީ ކޮމިޝަނެއްވެސް ރައީސް ވަނީ އެކުލަވާލާފައެވެ. އަދި އެފަދަ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމަށް ބޭނުންވާ ޤާނޫނުގެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައެވެ.