ތަރައްްޤީ

"ކޮރަލް ބޮލެވާޑް" ފްލެޓްތައް އިމާރާތްކުރުމަށް ބަންދުކުރި މަގު އާއްމުކޮށް ހުޅުވާލަނީ


ރަސްފަންނު ސަރަހައްދުގައި "ކޮރަލް ބޮލެވާޑް" ފްލެޓްތައް އިމާރާތްކުރުމަށް ބަންދުކުރި މަގު އާއްމުކޮށް ހުޅުވާލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ މަގު ހުޅުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮރަލް ބޮލެވާޑް ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ކުންފުންޏާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެ ސަރަޙައްދުގައި އިމާރާތްކުރާ ފްލެޓްތަކާމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާ، އެކަމާމެދު މަޝްވަރާކުރަމުންދާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ މަގު ހުޅުވާލުމަށް ކުރަމުންދާ މަސައްކަތް ނިންމައި މި ހަފްތާ ނިމޭއިރު އެ މަގު އާންމުކޮށް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަސްފަންނު ސަރަހައްދުގައި 28 ބުރީގެ 4 ޓަވަރު އެޅުމަށް ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުއަށް ބިން ހުސްކޮށް، އެ ސަރަޙައްދު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދި އިމާތާރާތް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

މި ތިން ޓަވަރުގައި ހިމެނެނީ 533 އެޕަރޓްމަންޓާއި، 288 ހޮޓެލް ރޫމެވެ. މި ޓަވަރުތަކުގައި 5 ތަރީގެ އެޕަރޓްމަންޓް ހިމެނޭއިރު، ރެސްޓޯރަންޓްތަކާއި ޝޮޕިންގ މޯލާއި، ޕާކު ކުރުމަށް ޚާއްސަ ފަންގިފިލާތައްވެސް ހިމެނެއެވެ. ކޮރަލް ބޮލެވަރޑުންވަނީ ޓަވަރުތަކުގައިގައި ހިމެނޭ އެޕަރޓްމަންތައް ވިއްކަންވެސް ފަށާފައެވެ.