އަޅުގަނޑުމެންގެ ވަށާއިގެންވާ ކަނޑަކީ، އެކަނޑަކުން އެތައް ފައިދާއަކާއި ހިތްހަމަޖެހުމެއް ފޯރުކޮށްދޭ ތަނެކެވެ. ދިވެހިރާއްޖެފަދަ ވަޞީލަތްތައް މަދު، އިޤްތިޞާދުކުރެވޭނެ ގޮތްތައް މަދު ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ވަރަށްވެސް މުހިއްމު ތަނެކެވެ. ކަނޑުގައިވާ އެކި އެކި މަހާއި އެކި އެކި ދިރުންތަކަކީ، އެތަކެތިން އިންސާނުންނަށާއި ވަށައިގެންވާ މާހައުލަށް އެކި ގޮތްގޮތުން ފައިދާކުރާ ތަކެއްޗެވެ. ދިރާސާތަކުން ދައްކާގޮތުން މެރިން ފިޝަރީޒްއަކީ ދުނިޔޭގެ އާބާދީގެ 56 މިލިއަން މީހުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ ލިބޭ ވަޞީލަތެކެވެ. އަދި ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންނަށް ދިރިހުރުމަށް ބޭނުންވާ ޕްރޮޓީން ފޯރުކޮށްދޭ މައިގަނޑު ވަސީލަތަކީވެސް ކަނޑުން ލިބޭ މަހެވެ. އެހެންކަމުން ކަނޑުގެ ދިރުމަށް ކުރާ ކޮންމެ އަސަރަކީ އޭގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާނެއެވެ.
ދާދިފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއެކު، ކަނޑުގެ ހޫނުމިން މައްޗަށް ގޮސް، ކަނޑުތަކުގައި އުޅޭ މަހުގެ އާބާދީ ވަރަށް ބޮޑަށް ވަނީ މަދުވާން ފަށާފައެވެ. 1930 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު އެއްކުރެވުނު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ސައިންސް ޖަރނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާގައިވާ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި އާބާދީ އިތުރުކުރެވިދާނެ މަހުގެ ބާވަތްތަކުގެ އާބާދީ ވަނީ އެމުއްދަތުގެ ތެރޭގައި 4.1 އިންސައްތަ މަދުވެފައެވެ.
"4.1 އިންސައްތައަކީ ކުޑަ އަދަދަކަށް ވެދާނެ. އެކަމަކު އެއީ 1.4 މިލިއަން މެޓްރިކް ޓަނުގެ މަސް" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ކްރިސް ފްރީ ބުނެފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެ ހޫނުވެ، ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ސަޕްލައިއަށް ވަރަށް ބޮޑަށް ބާރުބޮޑުވާނެކަމަށް ސައިންސްވެރިން ލަފާކުރެއެވެ. ނަމަވެސް ސައިންސް ޖަރނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާއިން ދައްކާގޮތުން މޫސުމަށް އަންނަ ބަދަލުތަކާއެކު ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ކަނޑުގެ ދިރުންތަކަށް މިހާރުވެސް ވަނީ ބޮޑު އަސަރެއްކޮށްފައެވެ. ކަނޑުތަކުގެ ހޫނުމިން މައްޗަށް ދާން ފަށާފައިވާއިރު، ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ޚާއްސަކޮށް އެޓްލާންޓިކް ކަނޑުގެ އިރު އުތުރު ސަރަޙައްދާއި ޖަޕާނު ކަނޑުގައި އުޅޭ މަހުގެ އާބާދީ ވަނީ 35 އިންސައްތަ މަދުވެފައެވެ.
" މަހުގެ ބާވަތްތައް އެންމެ ބޮޑަށް މަދުވެފައިވަނީ އިރުމަތީ އޭޝިޔާގެ ޤައުމުތަކުން. އަނެއްކޮޅުން އެސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުން އެންމެ ބާރަށް އިންސާނުންގެ އާބާދީ އިތުރުވަމުން އަންނަ ސަރަޙައްދަށްވާއިރު، އެސަރަޙައްދުގައި އުޅޭ މީހުން ކެއުމުގައި ކަނޑުން ލިބޭ ބާވަތްތަކަށް ވަނީ ވަރަށް ބޮޑަށް ބަރޯސާވެފައި" ޑރ. ފްރީ ބުންނެވެ.
ސައިންސްވެރިން ޤަބޫލުކުރާގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ކަނޑުގެ ދިރުމަށެވެ. އެގޮތުން އިންސާނުން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތަކުން ބޭރުވާ ހޫނުގެ 93 އިންސައްތަ އަސަރުކުރަނީ ކަނޑުތަކެވެ.
މިދިޔަ ޖެނުއަރީމަހު ސައިންސްވެރިން ޝާޢިއުކުރި ދިރާސާއެއްގައިވެސް ކަނޑުގެ ހޫނުމިން ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެވެސް އަވަހަށް މައްޗަށް ދާކަމަށް ލަފާކޮށްފައިވެއެވެ.
ކަނޑުގެ ހޫނުމިން މައްޗަށްދާއިރު، މިކަމުގެ ސަބަބުން ބައެއް ބާވާތުގެ މަސްތައް މަރުވެ، އެތަކެތި ކެއުމަށް ބޭނުންކުރާ ކަނޑުގެ އެހެން ދިރުންތައްވެސް ނެތިދާނެއެވެ. ސައިންސްވެރިން ބުނާގޮތުން ބައެއް ސަރަޙައްދުތަކުގައި ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސް، އެސަރަޙައްދުތަކުގައި އުޅޭ އެކި ބާވަތުގެ މަސްތައް އެހެން ސަރަޙައްދުތަކަށް ދަނީ ހިޖުރަކުރަމުންނެވެ.
"މަހަކީ ވަރަށް ފާޑެއްގެ އެއްޗެއް. މާބޮޑަށް ހޫނުވިޔަސް ކަމަކު ނުދާނެ. މާ ފިނިވިޔަސް ކަމަކުނުދާނެ" ދިރާސާގައި ހަރަކާތްތެރިވި ރުޓްގާޒް ޔުނިވަރސިޓީގެ ތިމާވެއްޓާއި ބަޔޮލޮޖީގެ ދާއިރާގެ ޕްރޮފެސަރެއްކަމަށްވާ މާލިސް އެލް. ޕިންސްކީ ބުންނެވެ.
ސައިންސްވެރިން ހެދި ދިރާސާއިން ދައްކާގޮތުން މަހުގެ އާބާދީ އިތުރުވެފައިވާކަމަށް ދައްކަނީ ހަތަރުބައި ކުޅަ އެއްބައި ސަރަޙައްދުންނެވެ. ބައެއް ސަރަޙައްދުތަކުން މަހުގެ އާބާދީއަށް މާބޮޑު ބަދަލެއް އައިސްފައިވާކަމަކަށް ނުދައްކައެވެ. ނަމަވެސް އެއީ މަދު ސަރަޙައްދެކެވެ. މިދިޔަ 80 އަހަރަށް ބަލާނަމަ، ގިނަ ސަރަޙައްދުތަކަކުން މަހުގެ އަބާދީ ވަނީ ދަށަށް ގޮސްފައެވެ. މީގެކުރިން ހެދި ގިނަ ދިރާސާތަކެއްގައި ކަނޑު މަހުގެ އާބާދީ މަދުވާނެކަމަށް ލަފާކޮށްފައިވާއިރު، އަލަށް ނެރުނު ދިރާސާއިން ކަނޑުމަހުގެ އާބާދީ މަދުވާން ފަށާފައިވާކަން ޔަޤީންކުރެވިއްޖެކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. އަދި މިދިރާސާއަކީ ކަމެއްވާން އުޅޭކަން ލަފާކޮށް ނެރުނު ދިރާސާއެއް ނޫންކަމާއި، މިއީ ކަމެއް ހިނގަމުންދާކަން ޔަޤީންކޮށްދޭ ދިރާސާއެއްކަމަށްވެސް ސައިންސްވެރިން ބުނެއެވެ.
ސައިންސްވެރިން މިދިރާސާ ހަދާފައިވަނީ ދުނިޔޭ 38 ސަރަޙައްދަކުން އެއްކުރި 235 ބާވަތެއްގެ މަހުގެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މަސް އުޅޭ ސަރަޙައްދުތަކުގެ އިތުރުން، މޫސުމަށް އަންނަ އެކި ބަދަލުތަކާ ގުޅިގެން މަސްމަހަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތުވެސް މިދިރާސާގައި އެއްކުރެވުނެވެ. އަދި ވަކި ވަކި ސަރަޙައްދުތަކާބެހޭ މަޢުލޫމާތުވެސް މިދިރާސާގައި ހޯދިއެވެ. އަދި އެ ހޯދުންތަކުން ބައެއް ސަރަޙައްދުތަކުގެ ހޫނުމިން އެހެން ސަރަޙައްދުތަކަށް ވުރެ އަވަހަށް މައްޗަށްދާކަން ފާހަގަކުރެވުނެވެ.
ސައިންސްވެރިން ބުނާގޮތުން ހޫނުމިން މައްޗަށްދާ ކަނޑުގެ ސަރަޙައްދުތަކުން މަސްބާނާ މިންވަރު ނުވަތަ ދާ އަޅައިގެން މަސް ނަގާ މިންވަރު އިތުރުވުމުގެ ސަބަބުންވެސް ނުރައްކާ ބޮޑެވެ. އެގޮތުން މަސް އާލާވާ މިންވަރު މަދުވެ، މުޅި އިކޯސިސްޓަމްއަށްވެސް ނުރައްކަލާ ކުރިމަތިލާންޖެހިދާނެކަަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކޮށްގެން މިކަމަށް ޙައްލެއް ލިބުނަސް، މިކަމަށް އެކަށީގެންވާ ހައްލެއް ލިބޭނީ މޫސުމަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަން ހުއްޓާލައިގެންކަމަށް ސައިންސްވެރިން ބުނެއެވެ.
ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއެކުވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވިދާނެއެވެ. އެގޮތުން ހޫނު ދުވަސްވަރު މަސްބާނާ މިންވަރު މަދުކޮށް، ފިނި ދުވަސްވަރު މަސް ބާނާ މިންވަރު އިތުރުކުރެވިދާނެއެވެ. އަދި މަސްވެރިކަމާގުޅޭ ޤާނޫނުތަކަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެކަށޭނެ ޤާނޫނުތަކަކާއި ޤަވާއިދުތަކަށް ހެދުމަކީވެސް މުހިއްމުކަމެއްކަމަށް ސައިންސްވެރިން ދެކެއެވެ.
ސައިންސްވެރިން ބުނާގޮތުން ޕެރިސް އެގްރިމަންޓާ އެއްގޮތަށް ދުނިޔެ ހޫނުވާ މިންވަރު ދަށް ކުރެވިއްޖެނަމަ މަސްވެރިކަމުން ލިބޭ ފައިދާ އެތައް ބިލިއަން ޑޮލަރަކުން އިތުރުވާނެއެވެ.