ޚަބަރު

ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ޙިމާޔަތްދޭ ބިލަށް ޚިޔާލު ހުށަހަޅަން ހުޅުވާލައިފި


ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތްދިނުމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ޢާންމުކުރި އިޢުލާނެއްގައިވަނީ އެބިލަށް ޢަންމުގެ ޚިޔާލު ހުށަހެޅުމަށް އަންނަމަހުގެ 20ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތްދިނުމާގުޅޭ ބިލް "ވިސްލްބްލޯރ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް"ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

އީވާ ހުށަހަޅުއްވާފައިވާ ބިލްގައިވަނީ ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަނާ އެނޫންވެސް ނޭދެވޭ ޢަމަލުތައް ހުއްޓުވައި އެތަންތަނުގައި ދެފުށްފެންނަ ނަޒާހަތްތެރިކަން އަށަގެންނެވުމަށް ނޭދެވޭ ޢަމަލުތައް ހުއްޓުވުމަށްޓަކައި "ވިސްލްބްލޯ"ކުރުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅައި އެކަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް މި ބިލްގައި ހިމަނުއްވާފައިވެއެވެ.

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ޙިމާޔަތް ދިނުމާ ގުޅޭ ޤާނޫނީ ނިޒާމެއް ރާއްޖޭގައި ނެތްއިރު އެފަދަ ޤާނޫނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދަޢުލަތަށް ހޯދައިދިނުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންފައިވާއިރު، އެމަނިކުފާނު މިހާރުވަނީ އެމަސައްކަތް ފަށްޓަވާފައެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން، އެފައިސާ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.