ތިމާވެށި

މާލޭ ރިންގް ރޯޑުގައި ގަސް އިންދުމުގެ މަސައްކަތް އަންނަމަހު ފަށަނީ


މާލޭ ރިންގްރޯޑުގައި ގަސް އިންދުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރިންގްރޯޑު ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދައި ފެހިކުރުމަށް ބޭނުންވާ 2700 އަށްވުރެ ގިނަ ގަސް އެންވަޔަރަމަންޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ.

ސިޓީ ކައުންސިލާއި ހަވާލުކުރި ގަސްތަކުގެ ތެރޭގައި ރާއްޖޭގައި މިހާރުވެސް އާއްމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްތައް ހިމެނެއެވެ. އެގޮތުން ހިތިގަހާއި، ބޮޑު ޖަވާހިރު ފަދަ ހިޔާ ލިބޭ ބޮޑެތި ގަސްތަކާއި، ކަރަންކާ މަލާއި، ޗަމްޕާ ޕޫލް ފަދަ މީރުވަސް ދުވާ މާ ގަސްތައް ހިމެނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި އިންދުމަށް ކައުންސިލާއި ހަވާލުކޮށްފައިވާ ގަސްތަކަށް ފެންދީ ރޯކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މީގެ ތެރެއިން ގިނަ ގަސްތަކެއް މިހާރު އިންދޭވަރަށް ހެދިފައިވާކަމަށާއި، އަންނަ މާރިޗްމަހުގެ ތެރޭގައި ގަސް އިންދަން ފެށޭވަރުވާނެކަމަށެވެ.

މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ ރިންގް ރޯޑުގެ މަސައްކަތް ކުރުމަށްޓަކާ އެމަގުގައި ކުރިން އިންދާފައިހުރި ހިޔާ ލިބޭ ހުރިހާ ރުއްގަސްތަކެއް ވަނީ ކަނޑާލާފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކުރީގެ ސަރުކާރަށް އަމާޒުވިއިރު، އޭރު ސަރުކާރުން ވަނީ ރިންގް ރޯޑު ތަރައްޤީކުރުމަށް ކަނޑާލި ރުއްގަސްތަކުގެ ބަދަލުގައި، އައު ގަސް އިންދާނެކަމަށް ބުނަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެކަން ކުރެވިފައެއް ނުވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނައިގެން މުޅި ރާއްޖެ ފެހިކުރުމުގެ ޤައުމީ ކެމްޕެއިނެއް "ރަށްފެހި" ގެ ނަމުގައި ސަރުކާރުން ފަށްޓަވާފައިވާއިރު، މުޅި ރާއްޖެ ފެހިކުރާނެގޮތުގެ ޕްލޭނެއް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެ ޕްލޭން ހުރިހާ ކައުންސިލްތަކާއި ހިއްސާކުރުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.