ޚަބަރު

ޔާމީން ބަންދުކުރި މައްސަލާގައި ޕީޖީއާއި އެކްޓިންގ ސީޕީ މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކުރަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށައެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް ހުށައަޅާ، ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރައްޔިތުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.


ޕީޕީއެމް، ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން އަދި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޢަލީ އާރިފް ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކައިރިވެފައިވަނިކޮށް ޔާމީން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން ތުހުމަތުކުރައްވަމުން ޢާރިފް ވިދާޅުވީ، ޔާމީންގެ މައްޗަށް ކުރައް ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އެގޮތުން މި މައްސަލައައި ގުޅޭގޮތުން ސުވާލުކުރުމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއައަށް ޙާޒިރު ކުރުމަށް ނިންމާފައި، މަޖިލީހަށް ހުށަހަޅާފައިވާއިރު ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާ މަޖިލީހަށް ހުށަހަޅާފައިވާކަމަށް އާރިފް ވިދާޅުވިއެވެ.

"އޭސީސީ ރިޕޯޓްގައި 155 މީހުންގެ ވާހަކަ އޮތްއިރު އެންމެ މީހަކަށް މި ދައުވާކުރަނީ. ކޮބައިތޯ ދެންތިބި މީހުން. އެ އެންމެން ހައްޔަރުކުރަންވީނުންތޯ؟ އަދި މިއީ މަދަނީ މައްސަލައެއް. ޖިނާއީ މައްސަލައެއް ނޫން." ޢަލީ އާރިފް ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމާއި ޕީއެންސީން ވަނީ ޔާމީނާއި މެދު ކޮމިޝަނަރ އޮފް ޕޮލިސް ޒާތީ ގޮތްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.