ޚަބަރު

ޖުޑީޝަލް ރިފޯމް ކޮންފަރެންސް: ޝަރުޢީ ދާއިރާ އިސްލާޙްކުރުމަށް މުހިއްމު ގިނަ ޚިޔާލުތަކެއް


ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ދާއިރާއަކަށް ހެދުމަށް މުހިއްމު ގިނައިސްލާޙްތަކެއް ހުށައަޅައި ޖުޑީޝަލް އިންޑެޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސް ނިންމާލައިފިއެވެ.

ޝާރުޢީ ދާއިރާއިން އިސްނަގައިގެން، ރާއްޖޭގެ ކޯޓުތަކާއި ކަމާގުޅުހުންހުރި އިދާރާތަކާއެކު، ކުރިއަށްގެންދިޔަ މި މަހާސިންތާގައިވަނީ ފަނޑިޔާރުގެ އިސްލާޙްކޮށް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގުޅިގެން ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަން ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލުމަށް ކަމުގެ ތަޖުރިބާ ކާރުން ގެ ފަރާތުން އިލްމީ ކަރުދާސްތަކެއް ހުށައަޅައި އެފަރާތްތަކުން ފާހަގަކުރާ ހައްލުތައްވެސް ހުށައަޅާފައެވެ. އެގޮތުން އިލްމީ ކަރުދާސް ހުށައެޅުއްވި ބޭފުޅުންގެ ތެރޭގައި، ރާއްޖޭގެ ޝަރުއީ އަދި ޤާނޫނީ ދާއިރާގައި ގިނަ އަހަރު މަސައްކަތްކުރައްވައި އެކިއެކި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، މިހާރުގެ ފަނޑިޔާރުންނެއެވެ.

އަދި ރާއްޖެއިން ބޭރުގެ ތަޖުރިބާހުރި ޤާބިލު ފަނޑިޔާރުންވަނީ މި މަހާސިންތާގައި އިލްމީ ކަރުދާސްތަކެއް ހުށައަޅައި ފަނޑިޔާރުގެ ހަރުދަނާކުރުމަށް މުހިއްމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ހޯދުމައްޓަކައި އެޅިދާނެ ފިޔަވަޅުތަކުގެ ގޮތުގައި ހުށައެޅި އިސްލާޙްތަކުގެ ތެރޭގައި، ފާއިތުވެދިޔަ ދުވަސްތަކުގައި ޝައްކުއުފެދޭގޮތައް އެކި ދާއިރާތަކުން ނިންމާފައިވާ ބޮޑެތި މައްސަލަތައް އަލުން ތަޙްޤީގުކުރުމާއި، ކޯޓުތަކުގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ އިތުރުން ޝަރީޢަތްތައް ހިންގުމަށް އެކަށައަޅާފައިވާ ޤާނޫނުތަކާއި ޤާވާޢިދުތައް މުރާޖާކޮށް، ހުރި މައްސަލަތައް ދެނެގަތުމަށް ވަނީ ހުށައަޅަފައެވެ.

މީގެއިތުރުން މިހާރުން މިހާރަށް ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިފައިވާ ގޮތް، އިސްލާމީ ޤައުމުތަކާއި ދުނިޔޭގެ އެހެން ޤާއުމުތަކުގައި އެފަދަކޮމިޝަންތައް އެކުލެވޭ ގޮތަށް ބަދަލުކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން ހަރުދަނާކުރުމަށް ވަނީ ޚިޔާލު ހުށައަޅާފައެވެ.

މީގެ އިތުރުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި އެފަނޑިޔާރުންގެ ރުހުން އޮތްކަން ކަށަވަރުކޮށް އެކަމަށް ހަރުދަނާ އުސޫލެއް ހެދުމާއި، ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް ކަންކަން ކަށަވަރުކުވާގޮތެއްގައި ހަރުދަނާ ޕަރފޯމަންސް އިވެލުވޭޝަންގެ ނިޒާމެއްގެއިތުރުން ހުޅުވާލެވިގެން ޝަރީއަތްކުރުމަށް އިސްލާޙްތަކެއް ހުށައެޅުމުގެ މުހިއްމުކަން ވަނީ ހާމަކޮށްފައެވެ.

ސުޕްރީމް ކޯޓާއި، ހައުކޯޓުގެ އިތުރުން ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވި މިމަހާސިންތާގެ ބައިވެރިންވަނީ ޝަރުޢީ ދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ލިބޭނެ މަގުފަހުކުރުމުގެ މުހިއްމުކަމާއި، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ދެދުވަހުގެ މުއްދަތައް ދަރުބާރުގޭގައި ކުރިއަށްދިޔަ މި މަހާސިންތާގައި ޖުމްލަ 20 ސެޝަނެއްބާއްވާ 18 އިލްމީ ކަރުދާސް ހުށައަޅައި، ބައިވެރިންގެ ޚިޔާލުތަކަށް ފުޅާދާއިރާއެއްގައި ހުޅުވާލެވިފައިވާ މާހައުލެއްގައި މަޝްވަރާކުރެއްވިފައިވެއެވެ. ޝަރުއީ ދާއިރާގެ ޤަޟާއީ އާއަހަރުވެފުމާއެކު ކުރިއަށްގެންދިޔަ މި މަހާސިންތާނިމުމާއެކު މަދަމާ ފަނޑިޔާރުންގެ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.