ޚަބަރު

މާފަރު އެއަރޕޯޓަށް މިއަހަރު މެދުތެރޭ ދަތުރުތައް ފަށާނެ - މިިނިސްޓަރ ނަހުލާ


ނ.މާފަރުގައި ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަހަރުގެ މެދުތެރޭ ދަތުރުތައް ފަށާނެކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ހިލޭ އެހީއާއެކު ކުރީގެ ސަރުކާރުން މާފަރުގައި ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. މާފަރު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް މިދިޔަ އަހަރުގެ ފަހުކޮޅު ފެށޭވަރުވާނެކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް، ސަރުކާރު ބަދަލުވުމާއި ހަމައަށްވެސް މާފަރު އެއަރޕޯޓު އާއްމު ދަތުރުތަކަށް ހުޅުވާލާފައެއްނުވެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވީ، މާފަރު އެއަރޕޯޓުގެ މަސައްކަތް ކަނޑައަޅި މުއްދަތައްވުރެ ދިގުލައިގެން ދިޔައީ އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ސަބް-ކޮންޓްރެކްޓަރަކާ ޙަވާލުކޮށްގެން ކުރަމުންދާތީކަމަށެވެ. އަދި މާފަރު އެއަރޕޯޓުގެ މައްސަލައިގައި އަބޫދާބީ ފަންޑުގެ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާތަކުގައިވެސް، މިހާރު އެ މަސައްކަތް ކުރަމުންދާ ކުންފުނީގެ އަތުން، އެމަސައްކަތް ނެގުމަށްފަހު އިތުރު ބަޔަކަށް ހަވާލުކޮށްފިނަމަ، އަނެއްކާވެސް އެ މަސައްކަތް ދިގުލައިގެން ގޮސްދާނެކަމަށް ބެލެވޭތީ، ކޮންޓްރެކްޓަރު ބަދަލުކުރުމުގެ ބަދަލުގަައި މާފަރު އެއަރޕޯޓުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކުންފުނީގެ ބެލުމުގެ ދަށުން އެ މަސައްކަތް ހަލުވިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، މާފަރު އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މިއަހަރުގެ މެއި ނުވަތަ ޖޫންމަހުގެ ތެރޭގައި މާފަރު އެއަރޕޯޓަށް ދަތުރުތައް ފެށޭވަރުވާނެކަމަށެވެ.

"ސަރުކާރު ބަދަލުވުމުގެ ކުރިންވެސް، އަދި ފަހުންވެސް ދިމާވި ދަތިތަކަކާހުރެ މިވަނީ އެއަރޕޯޓުގެ މަސައްކަތްތައް ޑިލޭވެފައި. އެތައް މަސައްކަތެއް ކުރިއަށް ނުގޮސް ހުރުމުގެ ސަބަބުން ނިންމަންޖެހޭ ދުވަހަށް މިވަނީ ނުނިމިފައި. މިހާރު އަލުން މަސައްކަތް ފަށައިގެން ޑިލޭވިބައި ވަނީ އަލުން ހޯދާފައި. އަޅުގަނޑުމެންނަށް މާފަރު އެއަރޕޯޓުގެ މަސައްކަތް ނިންމާލެވޭނެކަމަށް މި ބަލަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަހުގެ ތެރޭގައި." މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ މާފަރު އެއަރޕޯޓުގެ އިތުރުން މަސައްކަތް ހުއްޓިފައި ހުރި އެހެން އެއަރޕޯޓުތަކުގެ މަސައްކަތްވެސް މިހާރު ހަލުވިމިނުގައި ކުރިއަށްދާކަމަށެވެ. އަދި ކުރީގެ ސަރުކާރުން އަމަލީ މަސައްކަތް ފައްޓާފައިވާ އެއްވެސް އެއަރޕޯޓެއްގެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތްކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

"ސަރުކާރެއް ބަދަލުވީމަ، އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރަނގަޅަށް ކުރެވިފައިހުރި ހުރިހާ މަސައްކަތެއް ހުއްޓާލުމެއްނޫން. އެކަމެއްގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނަމަ، އެކަމަކައިގެން ކުރިއަށްދާނަން. އެގޮތުން ހުއްޓިފައިހުރީ ކޮން އެއަރޕޯޓުތަކެއްތޯ ބަލައި، އެ އެއަރޕޯޓުތަކުގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ހުރިހާ އެއަރޕޯޓެއްގައިވެސް މިވަނީ ފެށިފައި." މިނިސްޓަރު ވިދާޅުވިއެވެ.

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ޙާއްސަކޮށްގެން މީގެކުރިން ވަކި މިނިސްޓްރީއެއް ނެތްނަމަވެސް، ރައީސް ޞާލިޙުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް އޭވިއޭޝަންގެ ދާއިރާ އިތުރުކުރުމާއެކު އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައިވެސް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.