ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރަމްގެ ސަބަބުން ސަރުކާރުގެ ޔުނިވަރސިޓީތަކާއި އަމިއްލަ ކޮލެޖުތަކުގެ ފަރަގުކުޑަވެގެންދާނެ - އެމް.އެން.ޔޫ


ހިލޭ ޑިގްރީއަށް ކިޔަވަން ފެށުމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޕްރައިވެޓް ސެކްޓަރގެ ކޯސްތަކުގެ ފީގެ ފަރަގު ކުޑަވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ހިލޭ ޑިގްރީއަށް ކިޔަވައިދޭ އުސޫލުގެދަށުން އެމްއެންޔޫއާއި އައިޔޫއެމްގެ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެ ފުރުސަތު އޮތްއިރު އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަންފީ ސަރުކާރުން ދައްކައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ޝަރީފް ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔަވަންފެށުމާއެކު އެމްއެންޔޫއިން ކިޔަވައިދެމުންގެންދާ ޑިގްރީ ކޯސްތައް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިވެފައިވާއިރު، ޕްރައިވެޓް ސެކްޓަރގައި ކިޔަވާ ދަރިވަރުންގެ ކޯސްތަކުގެ ޓިއުޝަން ފީ ސަރުކާރުންވަނީ ދޭން ނިންމާފައިވާއެވެ.
ޑރ.ފަވާޒު އެއީ ޕްރައިވެޓް ސެކްޓަރގައި ކިޔަވާ ދަރިވަރުންނަށްވެސް ލިބިގެންދާ ވަރަށްބޮޑު ލުޔެއްކަމަށާ މީގެ ސަބަބުން އެމްއެންޔޫގެ ކޯސްތަކާއި ޕްރައިވެޓް ސެކްޓަރގެ ކޯސްތަކުގެ ފީގެ ފަރަގު ކުޑަވެގެންދާނެކަމަށެވެ. އޭގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ތަކުގެ ކޯސްތައްވެސް ދަރިވަރުންނަށް ހެޔޮ އަގެއްގައި ލިބޭނެ މަގުފަހިވެގެން ދާނެކަމަށްވެސް ފަވާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް މިފާހަގަކުރެވެނީ ހިލޭ ވުމުގެ ކުރިން ޤައުމީ ޔުނިވަރސިޓީއާއި ޕްރައިވެޓް ސެކްޓަރގެ ކޯސް ފީގެހުރި ފަރަގަށްވުރެން ކުޑަ ފަރަގަކުން މިހާރު ޕްރައިވެޓް ސެކްޓަރގެ ކޯސްތަކަށްވެސް ދަރިވަރުންނަށް ދިޔުމުގެ ފުރުސަތު ފަހިވެގެން މިދިޔައީ. އެހެން ވީމަ އަޅުގަނޑަށް މިޤަބޫލުކުރެވެނީ ޕްރައިވެޓް ސެކްޓަރއަށް ވެސް އަދި ސަރުކާރުން ހިންގާ 2 ޔުނިވެރަސިޓީއަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް." ޑރ.ފަވާޒް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ފަވާޒް ވިދާޅުވީ މަތީތަޢުލީމު ހިލޭ ލިބެން ފެށުމަކީ ޤައުމުތަކުގެ ތަރައްޤީ ވަޒަންކުރެވޭ އެއް މިންގަނޑުކަމަށާ، ރާއްޖޭގައި އެފެންވަރަށް ހިލޭ ކިޔެވެން ފެށުމަކީ ރާއްޖެ ތަރައްޤީވެފައިވާކަމުގެ ހެއްކެއްކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ޖެހިލައިފިކަން މީގެއިން އެނގިގެންދާނެކަމަށެވެ.

"ޑިގްރީއަށް ނުވަތަ ހަޔަރ އެޑިއުކޭޝަނަށް އެންރޯލްމެންޓް އިތުރުވެގެން ދިޔުމަކީ ދުނިޔޭގެ ދައްކާފައި އޮތް މިސާލެއް އެއީ ޑިވެލޮޕްމަންޓް ނުވަތަ ތަރައްޤީ ކުރިއެރުން ޤައުމުތަކަށް ގެނެވިފައި މިހިރީ ހަޔަރ އެޑިއުކޭޝަން ނުވަތަ މަތީ ތަޢުލީމު ފުޅާކުރެވިގެން. އެހެންވީމަ ޑިގްރީ ހިލޭ ވެގެން ދިޔުމަކީ ވަރަށް ގިނަ ދަރިވަރުންތަކަކަށް ފުރުސަތުތަކެއް ލިބިގެން ދާނެ." ޑރ.ފަވާޒް ވިދާޅުވިއެވެ.

ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުންނާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން މިއަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުފެއިވާއިރު ޑިގްރީ ޕްރޮގްރާމުގައި ތިންހާސް ހަސަތޭކައަށްވުރެ ގިނަ ދަރިވަރުން މިއަހަރު އެޔުނިވަރސިޓީގައި ތަޢުލީމު ޙާސުލިކުރާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. ޤައުމީ ޔުނިވަރސިޓީން މިއަހަރުގެ ކިޔެވުން އަންނަ ހަފްތާގައި ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.