ޚަބަރު

އިންސާނިއްޔަތަށްޓަކާވެސް ތިމާވެށި ޙިމާޔަތް ކުރުމަށް ރާއްޖެއިން ތެދުވާންޖެހޭ- އެންވާރަމެންޓް މިނިސްޓަރ


ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަކީ ޤައުމީ ކަމެއްކަމުގައި ދެކިގެން އިންސާނިއްޔަތައްޓަކައިވެސް ރާއްޖެއިން އިސްނަގައިގެން އެކަމަށް ތެދުވާން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އެންވާރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވާރަމެންޓް މިނިސްޓަރ މިހެން ވިދާޅުވީ ބ.އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ދެ ދުވަހަށް ކުރިއަށްގެންދާ "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމަސީ އެންޑް ޖިއޯޕޮލިޓިކްސް" ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލާއި ދުނިޔެ ހޫނުވަމުންދާ މިންވަރާމެދު އަޅައިނުލާ ތިބެއްޖެނަމަ އެ މިންގަނޑު މައްޗަށް ގޮސް ދުނިޔޭގެ ހޫނުމިން 2 ނުވަތަ 3 ޑިގްރީއަށް މައްޗަށް ޖެހުން ވަނީ ދާދި ގާތުގައި ކަމަށެވެ.

"ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ލިބިފައިވަނީ ވަރަށް މަދު ދުވަސްކޮޅެއް. ފޮށިން ބޭރަށް ނުކުމެ ދިވެހިން މަސައްކަތްތަކެއް ކޮށްގެން އެކަން ހައްލު ކުރުމަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޑރ.ހުސައިން ވިދާޅުވީ ދުނިިޔެ ހޫނުވަމުންދާ މިންވަރާ ގުޅޭގޮތުން ސައިންޓިސްޓުން ނެރުނު ރިޕޯޓްތަކުން ދުނިޔެ ސިއްސުވާލި ކަމަށާއި ޖައްވަށް ވިހަ ގޭސް ބޭރު ކުރުން މަދުނުވާނަމަ 2030 ވަނަ އަހަރާއި ހަމައަށްދާއިރު ދޭއް ނުވަތަ ތިން ޑިގްރީއަށް ދުނިޔޭގެ ހޫނުމިން އިތުރުވާނެ ކަމަށެވެ. އަދި ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ޖަޒީރާ ރަށްތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ހޫނުމިން އިތުރުވާނަމަ ރާއްޖޭގެ ރަށްތައް އުފެދިފައިވާ މުރަކައިގެ ބަގީޗާތަކުގެ 60 ނުވަތަ 90 އިންސައްތަ ހަލާކުވުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށާއި އެހެން ކަމަށް ވާނަމަ ރާއްޖެފަދަ ޖަޒީރާ ޤައުމުތައް ނެތިގެން ދިއުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

"ރާއްޖޭގެ ރަށްތައް އުފެދިފައިވާ މުރަކައިގެ ބަގީޗާތަކުގެ 60 ޕަސަންޓް 90 ޕަސަންތް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެން ވެއްޖެއްޔާ ރާއްޖެފަދަ ޖަޒީރާ ޤައުމުތައް ނެތިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރި ކުރުމަކީ ޤައުމީ ކަމެއްކަމުގައި ދެކި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަން މަޖުބޫރުވެފައިވާއިރު، ހުސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އިންސާނިއްޔަތައްޓަކައި ރާއްޖެއިން އިސްނަގައިގެން ވެސް އެކަން ހައްލު ކުރުމަށް މަސައްކަތްކުރަން ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕަކީ ޖަޒީރާ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ބޭހޭގޮތުނާއި އޭގެ ސަބަބުން ކުދި ޤައުމުތަކަށްކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވޯކްޝޮޕެކެވެ.