ތަރައްްޤީ

ކުޅުދުއްފުށްޓަށް ބޯހިޔާވަހިކަމުގެ އަވަސް ހައްލެއް ބޭނުންވެފައި


އާބާދީގައި 10000 މީހުން ހަމަވެ ސިޓީއެއްގެ ދަރަޖަ ލިބުމަށް ތައްޔާރުވެފައިވާ ހދ.ކުޅުދުއްފުށްޓަކީ މާލެއިން އުތުރުގައިއޮތް އެންމެ އާބާދީ ބޮޑު ރަށެވެ.

ކުޅުދުއްފުށީ ރަށްވެހިންގެ ރަޖިސްޓްރީ ދަފްތަރުގައި 10000 މީހުން ތިއްބަސް ރަށަށް ހިޖުރަކޮށްފައިވާ މީހުންނާއި އެކިއެކި ބޭނުންތަކަށްޓަކައި މިރަށުގައި ދިރިއުޅޭމީހުންނާއެކު 13000 އެއްހައި މީހުން މިރަށުގައި ދިރިއުޅެމުންދެއެވެ.

އާބާދީ ބޮޑުވެ ބިމުގެ ދަތިކަން އެންމެބޮޑަށް ކުރިމަތިވެފައިވާ ރަށްރަށުގެތެރޭގައި މުޅި ރާއްޖެއިން ބެލިޔަސް ކުޅުދުއްފުށި ހިމެނެއެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތަށްބަޔަކު މިރަށުގައި ދިރިއުޅޭއިރު މިކަމަށް ހައްލެއް ލިބޭނެކަމުގެ އެއްވެސް އަލިމަގެއް މިހާތަނަށް ފެންނާކަށްނެތެވެ.

ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ކުޅުދުއްފުށިން ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އިޢުލާނުކުރުމުން 1300 އަށްވުރެ ގިނަމީހުން ފޯމް ހުށަހެޅިއެވެ. މިއިން ދޭހަވަނީ ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވެފައި މިރަށުގައި ތިބި މީހުންގެ ޢަދަދެވެ. މިދެންނެވި ޢިއުލާން މިހާރުވަނީ މިސަރުކާރުން ބާޠިލްކޮށްފައެވެ.

ގޯތިދޫކުރުމާމެދު ކުޅުދުއްފުށީ ކައުންސިލްގެ ޚިޔާލު ތަފާތެވެ. ގޯތިދޫކުރުމަކީ މިރަށުގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މީހުންގެ ނިސްބަތަށްބަލާއިރު، ޙައްލެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ބޯހިޔާވަހިކަން ލިބޭނީ ނިސްބަތުން ވަރަށްމަދު ބަޔަކަކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބުދުއްލަތީފް ޙަސަން ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ ގޯތި ދޫކުރުމާބެހޭގޮތުން ރަށުގެ ރައްޔިތުންގެ ބަޔަކު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ އެހެން ބައެއްރަށްރަށާ އަޅައި ބަލާއިރު ކުޅުދުއްފުށްޓަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ޖެހިފައިވާ ރަށެއްކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ އެހެން ރަށްރަށުގައި ގޯތިދޫކުރާހާ ފަސޭހައިން ކުޅުދުއްފުށިން ގޯތި ދޫކުރެވެން ނޯންނަކަމަށެވެ. މިހާރު ކުޅުދުއްފުށީގެ ބިމުގެ ޙާލަތު ހުރިގޮތުން ދޫކުރެވެން އޮތީ 200 އެއްހައި ގޯތިކަމަށާ، ހާހަކަށްވުރެ ގިނަމީހުން ގޯތި ބޭނުންވެފަ ތިއްބައި 200 ގޯތި ދޫކުރުމުން ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭނެ ޙައްލެއް އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީ އެއަރޕޯރޓް ސަރަހައްދުން ކުރިން ގޯތި ދޫކޮށްފައިވާ މީހުންގެ ގޯތިތައްވެސް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން އެދެމުންދާކަމަށާއި އެމީހުންގެ ޝަކުވާއަކީ އުސްކޮށް އެސަރަހައްދުގައި އިމާރާތް ނުކުރެވޭ މައްސަލަކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށިފަދަ އާބާދީބޮޑު ބިންމަދު ރަށްރަށުގައި ގޯއްޗަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު ފުލެޓް ހަދައި ރައްޔިތުންނަށް ދޫކުރުމަކީ މިމައްސަލަ ހައްލުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްގެގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ކުޅުދުއްފުށީ ކައުންސިލުން މިހަރުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން މާލެއަށް ކުރިދަތުރުގައިވެސް މިމައްސަލައަށް އަވަސްހައްލެއް ހޯއްދަވައިދެއްވުމަށް ދަންނަވާފައިވާނެކަމަށާ، ރައީސުލްޖުމްހޫރިއްޔާއާއި ހައުންސިންގ މިނިސްޓަރުގެ އަރިހުންވެސް މިކަމަށް އެދި ދަންނަވާފައިވާނެކަމަށް ކައުސިލުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓް އަޙްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން އެންމެބޮޑަށް އިސްކަންދެއްވަނީ އާބާދީއަށް ނުވަތަ ވަކިރަށަކަށް ބެލުމެއްނެތި އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވާ އާބާދީތަކަށް އިސްކަންދެއްވުމުގެ އުސޫލަށްކަމަށެވެ.

އެހެންކަމަށްވާނަމަ ކުޅުދުއްފުށި ހިމެނެނީ މިލިސްޓްގެ ކިތައްވަނައިގަތޯ މިއީ ކުޅުދުއްފުށީގެ ރައްޔިތުންނާއި ކުޅުދުއްފުށީން ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންގެ ސުވާލެކެވެ. މިސުވާލުގެ ޖަވާބުލިބި ބޯހިޔާވަހިކަމަށް އަވަސް ޙައްލެއް ލިބިގެންދިއުމަކީ ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދެވެ.