ޓުއަރިޒަމް

އައިއެޗްޖީން 300 މިލިއަން ޑޮލަރަށް، ލަގްޒަރީ ހޮސްޕިޓާލިޓީ ބްރޭންޑް ސިކްސް ސެންސަސް ގަނެފި


އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން މަޝްހޫރު ސިކްސް ސެންސަސް ހޮޓެލްސް ރިސޯޓްސް ގަނެފިއެވެ.

އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން ފަތުރުވެރިކަމުގެ ސިނާއަތުގެ ލަގްޒަރީ ހޮޓާތަކާއި ރިސޯޓުތައް ހިންގަމުން އަންނަ ސިކްސް ސެންސަސް ރިސޯޓްސް އެންޑް ސްޕާ ބްރޭންޑް ގަނެފައިވަނީ، 300 މިލިއަން ޑޮލަރަށެވެ.

ސިކްސް ސެންސަސް ބްރޭންޑަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 16 ހޮޓަލާއި، ރިސޯޓު ހިންގާ ކުންފުންޏެކެވެ. މީގެތެރޭގައި ދިވެހިރާއްޖެއާއި، ސީޝެލްސް، ތައިލޭންޑު، އޮމާން އަދި ޕޯޗުގަލް ހިމެނެއެވެ. މީގެއިތުރުން ސިކްސް ސެންސަސްއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 37 ސްޕާއެއްވެސް ހިންގަމުންދެއެވެ.

އިންޓަރކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން ސިކްސް ސެންސަސްގެ ހޮޓެލްސް އަދި ރިސޯޓު ވިޔަފާރި ގަނެފައިވާކަން އިއުލާނުކުރިނަމަވެސް، މީގެތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިތައް ނުހިމެނޭކަމަށް އެކުންފުނިން ބުނެއެވެ. އައިއެޗްޖީއިން ސިކްސް ސެންސަސް ގަނެފައިމިވަނީ، މިހާރުވެސް ސިކްސް ސެންސަސްގެ ދަށުން އިތުރު 18 ހޮޓަލެއް މެނޭޖްކުރުމުގެ އެގްރީމަންޓު ސޮއިކޮށް، އިތުރު 50 ޕްރޮޕަޓީއެއް ހުޅުވުމަށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.

އައިއެޗްޖީއިން ބުނީ މިމަޝްރޫގެ ދަށުން ސިކްސް ސެންސަސް ވެގެންދާނީ އެކުންފުނީގެ އެންމެ އެންމެ މުހިންމު ވިޔަފާރިއަށްކަމަށެވެ. މިއާއިއެކު އައިއެޗްޖީގެ ދަށުން ސިސް ސެންސަސްގެ ޕްރޮޕަޓީޒްތަކާއިއެކު އިންޓަރކޮންޓިނެންޓަލް، ރީޖަންޓް ހޮޓެލްސް އެންޑް ރިސޯޓްސް އަދި ކިމްޓޮން ހޮޓެލްސް އެންޑް ރިސޯޓު ޕްރޮޕަޓީޒްތައްވެސް ހިންގާނެކަމަށެވެ. އައިއެޗްޖީއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޮޓާ އަދި ލަގްޒަރީ ޕްރޮޕަޓީތަކުގެ އަދަދު 400 އަށް އަރާއިރު، މިއީ ގާތްގަނޑަކަށް 108 ހާސް ކޮޓަރިއެވެ.

އައިއެޗްޖީން ގެންދަނީ ކުރިޔަށް އޮތް ތަނުގައި ސިކްސް ސެންސަސްގެ ހޮޓާ އަދި ރިސޯޓުތަކުގައި ފަތުރުވެރިން ތިބުމަށް ބުކިން ހެދުމަށް އެކުންފުނީގެ ޕްލެޓްފޯމްތައް ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ.

ސިކްސް ސެންސަސް ބްރޭންޑަކީ ވެލްނަސް އެންޑް ސަސްޓެއިނަބިލިޓީ ނުވަތަ ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމުގައި ދުނިޔޭގައި ނަންމަޝްހޫރު ބްރޭންޑެކެވެ.
ބާރަ ޤައުމެއްގައި ރިސޯޓު ހޮޓާ ހިންގާ ސިކްސް ސެންސަސްއިން ރާއްޖޭގައި ހިންގަނީ ލ އަތޮޅު މިހާތަނަށް ތަރައްޤީކޮށްފައިވާ ހަމައެކަނި ރިސޯޓު، ސިކްސް ސެންސަސް ލާމު އެވެ.