ޚަބަރު

ޓިމްބަރވުލްވްސް އަތުންވެސް ޗެމްޕިއަން ނިކްސްވީ ބަލި


  • މިމެޗު ޓިމްބަރވުލްވްސް ކާމިޔާބު ކޮށްފައިވަނީ 122 ޕޮއިންޓް 104 ޕޮއިންޓުން

އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ސީޒަންގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުޔޯކް ނިކްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރި މެޗުންވެސް ނިކްސް ބަލިވެއްޖެއެވެ.

ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައި ކުޅުނު މިމެޗު ވުލްވްސް އިން ކާމިޔާބު ކޮށްފައިވަނީ 122 ޕޮއިންޓް 104 ޕޮއިންޓުންނެވެ. މިއީ މިފަހަރުގެ ޕްރީ ސީޒަންގައި ނިކްސް ކުޅެ އަދި ބަލިވި 3 ވަނަ މެޗެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ އިރު މޮޅަށް ކުޅެފައިވަނީ ވުލްވްސްއިންނެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ކުއާޓަރގައި ވުލްވްސްއިން ދެއްކި ކުޅުމަށްފަހު އެޓީމުން އެކުއާޓަރ ނިންމާލީ 5 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. އަދި ދެވަނަ ކުއާޓަރގައި ދެއްކި ކުޅުމަށްފަހު ފުރަތަމަ ހާފް ނިންމާލީ 12 ޕޮއިންޓަށް ލީޑު ފުޅާކޮށްގެންނެވެ. މިމެޗުގެ ތިންވަނަ ކުއާޓަރގައި ނިކްސްއިން އެޓީމުގެ ކުޅުން ކުޑަކޮށް ރަނގަޅު ކުރިތަން ފެނިގެންދިޔަ ނަމަވެސް ހަތަރު ވަނަ ކުއާޓަރގައި ވުލްވްސްއިން ދެއްކި ކުޅުމަށްފަހު މެޗު ނިންމާލީ 18 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.

މިމެޗުގައި ޓިމްބަރވުލްވްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާ 3 އެސިސްޓް ކުރި އެންތަނީ އެޑްވާޑްސްއެވެ. މީގެއިތުރުން ޖޭޑެން މެކްޑެނިއަލްސްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 2 އެސިސްޓް ކޮށްފައެވެ. ނިކްސްއަށް ބަލާލާއިރު އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގައިދީ 3 އެސިސްޓް ކުރި ޖެލެން ބްރުންސަންއެވެ. އަދި އޯޖީ އަނުނޯބީވަނީ 15 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

މިމުބާރާތުގެ ޕްރީ ސިޒަންގައި ކުޅުނު އެހެން މެޗުތަަކަށް ބަލާއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ލަންޑަން ލައަންސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 66 ޕޮއިންޓުން ޓްރެއިލް ބްލޭޒަރސް ކާމިޔާބު ކުރިއިރު އެޓްލާންޓާ ހޯކްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރި މެޗު 113 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހޯކްސްއެވެ. އަދި ބްރޫކްލިން ނެޓްސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރި މެޗު 131 ޕޮއިންޓް 122 ޕޮއިންޓުން ނެޓްސް ކާމިޔާބު ކުރިއިރު ޔޫޓާ ޖޭޒް އާއި ސެންއެންޓޯނިއޯ ސްޕަރސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޖޭޒްއެވެ.