ޚަބަރު

ސްކޫލް އިސްވެރިންގެ މަހާސިންތާ: ފުރަތަމަ ދުވަސް ނިންމާލައިފި


ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާގެ ފުރަތަމަ ދުވަހު، ސްކޫލްތަކަށް ދިމާވެފައިވާ އެކިކހަލަ މައްސަލަތަކާމެދު މަޝްވަރާކޮށްފިއެވެ.

"މަދަރުސީ އިސްވާރުކަން - ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން" މިޝިޢާރުގެ ދަށުން މިއަދު ފެށި ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާ 2019 އިގެ ފުރަތަމަ ދުވަހުގެ ކަންކަން ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނެޓަރ ޝުހުދާ ރިޒްވާން ވިދާޅުވީ ފުރަތަމަ ދުވަހުގެ ސެޝަންތަކުގައިވެސް ގިނަ ކަންތަތއްތަކެއްގެ މައްޗަށް މަޝްވަރާކޮށްފައިވާކަމަށެވެ.

މިގޮތުން ޕްރިންސްޕަލުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މުސާރައިގެ އޮނިގަނޑާއި ވަސީލަތްތަކާއި ހުރިހާ ސްކޫލެއް ހަމަހަމަކުރުންމުގެ މައްޗަށް އަލިއަލުވާލާފައިވާކަމަށެވެ. ފުރަތަމަ ދުވަހުގެ ސެޝަންގައިވަނީ މެލޭޝިޔާގެ ޕްރޮފެސަރަކު ކީނޯޓެއް ދެއްވާފައެވެ. މި ކީނޯޓުގައި 21ވަނަ ޤަރުނުގެ ދަރިވަރުނަށް ކިޔަވައިދޭނެ ގޮތްތަކާއި ޓެކްނޮލަޖީ ބޭނުންކޮށްގެން ސްކޫލްތައް ހިންގިދާނެ ގޮތްތައްވަނީ ހިއްސާކޮށްފައެވެ. ޝަހުދާ ވިދާޅުވީ މިސެޝަންތަކުގައި ވަނީ ވަށައިޖެހޭ ތަޢުލީމް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި ޕްރިންސްޕަލުންގެ ދައުރާއި ކަރިކިއުލަމް ތަންފީޒް ކުރުމުގައި ދިމާވާ ދަތިތަކާއި މިނޫންވެސް މުހިއްމުކަންކަމާމެދު މަޝްވަރާކޮށްފައިކަމަށެވެ.

މި މަހާސިންތާގެ މާދަމާގެ ސެޝަންތަކުގައި ތަޢުލީމީދާއިރާގައި ހަދާފައިވާ ޕޮލިސީތައް ހަރުދަނާ ކުރުމަށް މަޝްވަރާކުރުމާއި ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ތަޢުލީމީ ދާއިރާގެ ކުރިއަށްއޮތް ފަސް އަހަރުދުވަހުގެ ޕްލޭނިންނާމެދު ވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.