ޚަބަރު

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދު ފަތުރުވެރިކަމަށް ތަރައްގީ ކުރުމާ ގުޅޭގޮތުން ޒުވާނުން ކައުންސިލާ މަޝްވަރާކޮށްފި


ހދ. ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި މިހާރު ތަރައްޤީކުރާ ބަނދަރު އެރަށުގެ އުތުރަށް ބަދަލުކޮށް، އެ ޞަރަޙައްދު ފަތުރުވެރިކަމަށް ތަރައްގީކުރުމާ ގުޅޭގޮތުން އެރަށުގެ ޒުވާނުންތަކެއް ކުޅުދުއްފުށީ ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

ކުޅުދުއްފުށީ ޒުވާނުން މިކަމާ ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކޮށްފައިވަނީ، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ އެދިލެއްވުމުގެ މަތިން ޒުވާނުންނާއި އޮޑިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެރަށު ކައުންސިލުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި މި ބައްދަލުވުމުގައި ޒުވާނުން ވަނީ މިހާރު ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ ބަނދަރު، އެރަށުގެ މަސްމާރުކޭޓް ސަރަހައްދަށް ބަދަލުކުރުމަށް ކައުންސިލަށް ހުށަހަޅާފައެވެ. އަދި ވެލިގަނޑު ސަރަހައްދުގައި ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވާ ބަނދަރު ވަރުގެ ބަނދަރެއް ތަރައްޤީ ކުރެވޭނެ ޖާގަ ރަށުގައި އާންމުން މިހާރު ބޭނުންކުރާ ބަނދަރުގެ އުތުރުން އެއަރޕޯޓާ ދެމެދު އޮތްކަން ފާހަގަކޮށް ޒުވާނުންވަނީ އެ ސަރަހައްދަށް ބަނދަރު ބަދަލު ކުރުމުން އެތަން އޮންނާނެ ގޮތުގެ ފުރިހަމަ ކުރެހުމެއްވެސް ކައުންސިލާ ހިއްސާކޮށްފައެވެ.

ކުޅުދުއްފުށީގެ ވެލިގަނޑު ސަރަހައްދު ފަތުރުވެރިކަމަށް ތަރައްޤީކުރަން ހުށަހެޅީ އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކޮށް އެ ސަރަހައްދުގައި ލޯކަލް ޓޫރިޒަމް ފުޅާކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިތުރު ފުރުޞަތު ފަހިވެ ރަށު ކައުންސިލަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދާނެތީ ކަމަށް ރަށުގެ ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވި އޮޑިވެރިން ވަނީ ޒުވާނުންގެ މި ހުށަހެޅުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެގޮތަށް ބަނދަރަށް ބަދަލުގެންނަނަމަ ދިމާވާނެ ދަތިތައް އޮޑިވެރިން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައި ޒުވާނުންނާއި އޮޑިވެރިނާދެމެދު ޚިޔާލުތަފާތުވެ ހިންހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅުނު ޝަކުވާތަކާއި ޚިޔާލުތަކާއި ކުރެވުނު މަޝްވަރާތައް ސަރުކާރާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ރަށުގެ އުތުރަށް ބަދަލު ކުރާނަމަ މިހާރު އެތަނުގައި އަޅާފައިހުރި އޮޑިދޯނިފަހަރު އެތަނުން ނަގާ ތަން ހުސްކުރަންޖެހޭނެކަމަށާއި އެހެންނަމަވެސް އެކަން ކުރެވޭނެ މަގެއް އަދި ފެންނަށް ނެތްކަމަށެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ވަގުތުތަކެއް ހޭދަވާނެކަން ފާހަގަކުރައްވާ ކައުންސިލް ރައީސް ވިދާޅުވީ އެގޮތަށް ބަނދަރު ބަދަލު ކުރާނަމަ އޭޑީބީގެ އެހީގެ ދަށުން ހަދާ ބަނދަރަށް ވާނެ ގޮތަކާމެދުވެސް ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އެހެންކަމުން މި ޝަކުވާތައް ސަރުކާރަށް ހުށަހަޅައި ސަރުކާރުން ނިންމާ ގޮތަކަށް ކައުންސިލުން އަމަލު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.