ވިޔަފާރި

ޑިއުޓީ މައާފްކުރުމުގެ އުސޫލު ކަސްޓަމް ސާވިސަސް އިން އާންމު ކޮށްފި


ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުން ކުދި ބޭނުންތަކަށް ގެންނަތަކެތިން ހަހާސް ރުފިޔާގެ މަގުން ޑިއުޓީ މާފްކޮށްދެމުން އައި އުސޫލަށް ބަދަލު ގެނެސް ޑިއުޓީގެ އިނާއަތް ތިން މަހުން ދޭ ގޮތަށް ނިންމާފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ހާމަކޮށްފިއެވެ.މިގޮތަށް އަމަލުކުރުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުން ފެށިގެންނެވެ.ކަސްޓަމް ސާވިސަސް އިން އާންމު ކޮށްފައިވާ ޑިއުޓީ މައާފްކުރުމުގެ އުސޫލުގައިވާ ގޮތުން އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި އަގުގެ ގޮތުން 6000،ރ. ނުވަތަ އެއަށްވުރެ އަގު ހެޔޮނަމަ އެތަކެތިން ޑިއުޓީ ނުނަގާގޮތަށްވަނީ ނިންމާފައެވެ. މިއީ މިހާރުވެސް އަމަލު ކުރަމުންދާ އުސޫލުކަމަށް މައުލޫމާތުލިބެއެވެ.މިގޮތުން ދިހަހާސް ރުފިޔާގެ ތަކެތީ ގެންނަ ފަރާތްތަކުން ޑިއުޓީ ނެގޭނީ ހަހާސް ރުފިޔާ ކަނޑާލުމަށްފަހު ހަތަރު ހާސް ރުފިޔާގެ ތަކެތިންކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.މި އުސޫލުގައިވާގޮތުން ވިޔަފާރި މުދަލުގެ ގޮތުގައި ނުބެލެވޭ ނުވަތަ ކޮމާޝަލް ވެލިއު ނުހުންނަ ތަކެތި ޑިއުޓީ މާފްކޮށް ދޫކުރެވޭނެއެވެ. މީގެ ތެރޭގައި ޢާންމުކޮށް ހިލޭ ބެހުމަށް ގެންނަ އެކިއެކި ބާވަތްތަކުގެ ލީފްލެޓް، ބްރޯޝަރ ފަދަ ތަކެތި ހިމެނެއެވެ. އަދި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެނެވޭ ތަކެތީގެ އަގު 50 ޑޮލަރަށް އަށްވުރެ ބޮޑުނަމަ، އެއެއްޗެއް ހުންނަންވާނީ އެއީ ސާމްޕަލެއްކަން ދޭހަވާގޮތަށް ފާހަގަ ޖަހައި ނުވަތަ އެނޫން ގޮތަކަށް ވެސް އެކަން އެނގޭނެގޮތަށްކަމަށް ކަސްޓަމްސްއިން ބުނެއެވެ.ދަތުރުވެރިން ގެންނަ ތަކެއްޗަށް 6000 ރުފިޔާގެ އެލަވަންސް ކަނޑައެޅިފައިވީނަމަވެސް ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި އުޅެފައި ނުވަތަ ބޯޓް ދަތުރުކުރުމަށް އުޅެފައި އަންނަ ފަރާތްތަކުން އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތީން ޑިއުޓީ މައާފްކުރެވޭނެ މިންވަރުވެސް މިއުސޫލުގައިވަނީ ކަނޑައަޅާފައިވެއެވެ.ރާއްޖެއިން ބޭރުގައި ހަ މަހާއި އެއް އަހަރާ ދެމެދު އުޅެފައި އަންނަ މީހަކަށް އަމިއްލަ ބޭނުމަށް ގެނެވޭ ތަކެތިން 9000 ރުފިޔާ، އެއް އަހަރާއި ތިން އަހަރާ ދެމެދުނަމަ 11500 ރުފިޔާ އަދި ތިން އަހަރަށްވުރެ ގިނަދުވަހު އުޅެފައި އަންނަނަމަ 14000 ރުފިޔާގެ ތަކެތި ޑިއުޓީ މާފްކޮށް ދޫކުރެވޭނެކަމަށް ކަސްޓަމްސްއިން އާންމުކޮށްފައިވާ އުސޫލްގައި ބަޔާންކޮށްފައިވެއެވެ.މިއުސޫލުގެ ދަށުން ޑިއުޓީގެ އިނާޔަތް ދިނުން އިސްތިސްނާވާނެ ހާލަތްތަކެއް ވެސް ކަނޑައެޅިފައިވެއެވެ. މިގޮތުން ޑިއުޓީ ރޭޓް 35 އިންސައްތަ އަށްވުރެ މަތީ އައިޓަމްތަކާއި، ވިޔަފާރި މުދާ ނުވަތަ މުދަލުގެ އަގުން ނުވަތަ ވެލިއުއިން ބަލާއިރު އެއީ ވިޔަފާރިމުދަލުގެ ގޮތުގައި ކަސްޓަމްސް އަށް ޤަބޫލުކުރެވޭ ތަކެތިވެސް ޑިއުޓީގެ އިނާޔަތްދިނުމުން އިސްތިސްނާވާނެކަމަށް ބުނެފައިވެއެވެ.