ޚަބަރު

ޤަލަންދިޔާ މަރުކަޒަށް ޔަހޫދީން ވަދެގަތުމުން ފިޔަވަޅު އަޅަން އުންރުވާއިން ގޮވާލައިފި


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ އދގެ ޤަލަންދިޔާ ޓްރެއިނިންގ ސެންޓަރު ރައްކާތެރި ކުރުމަށް ވަގުތުން ވަގުތަށް މަސައްކަތް ކުރުމަށް އދގެ ފަލަސްޠީނުގެ ރެފިޔުޖީންނާ ބެހޭ އިދާރާ، އުންރުވާއިން ގޮވާލައިފިއެވެ. އުންރުވާއިން އެހެން ގޮވާލާފައި ވަނީ ޔަހޫދީ ސަލާމަތީ ބާރުތަކުން އެ ސެންޓަރަށް ރޭޑު ޖެހުމާ ގުޅިގެންނެވެ.

އުންރުވާއިން ނެރުނު ބަޔާނެއްގައި ބުނީ އޮގަސްޓު މަހުގެ 25ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10 ޖެހިއިރު ޔަހޫދީ ސަލާމަތީ ބާރުތަކުން ގަދަކަމުން ޤަލަންދިޔާ ޓްރެއިނިންގ ސެންޓަރު ތެރެއަށް ވަދެގަނެފައިވާ ކަމަށެވެ. ހަތިޔާރުއެޅި ހަތަރު އުޅަނދާއި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ 50އަށްވުރެ ގިނަ މީހުން އެ ސެންޓަރުގެ ގޯތިތެރެއަށް ވަދެގަނެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ހާދިސާ ހިނގިއިރު އެ ތަނުގައި އުންރުވާގެ 20 ވަރަކަށް މުވައްޒަފުން ތިބި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އުންރުވާއިން އިތުރަށް ބުނީ އދގެ ޙުއްދައާ ނުލައި އދގެ އިމާރާތަކަށް ހަތިޔާރު އަޅައިގެން ތިބި ޔަހޫދީ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ބަޔަކު ވަދެގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޤަލަންދިޔާ ޓްރެއިނިންގ ސެންޓަރަށް ވަދެގަނެފައިވާ ކަން ޔަހޫދީން އިޢުލާނު ކުރުމާއެކު ފަލަސްޠީނުގެ ސަރުކާރުން ވެސް ވަނީ އދގެ ސަލާމަތީ މަޖިލީހުން އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލައިފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޔަހޫދީންގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު އިތަމާ ބެން-ގަވީރު އދގެ މަރުކަޒުތަކަށް ވަދެފައި ވަނީ ޤަލަންދިޔާގައި ހުންނަ އުންރުވާގެ މަރުކަޒުތައް ނައްތައިލުމަށް މަގުފަހިކުރުމަށް ކަމަށެވެ. އދގެ މަރުކަޒުތަކަށް ބައިނަލްއަޤްވާމީ ރައްކާތެރިކަން ދިނުމަށް ވެސް ސަރުކާރުން ގޮވާލާފައިވެއެވެ. އަދި ފަލަސްޠީނުގެ ބިންތަކުގައި ހުރި އދގެ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިން ޚިލާފު ކަމެއް ކަމަށާއި، އެ ފަދަ ތަންތަނަށް ހަމަލާ ނުދެވޭނެ ކަމަށް ވެސް ފަލަސްޠީނުގެ ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އދން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޛު ކުރުމަށް ވެސް ގޮވާލައިފައެވެ. އޭގެ ތެރޭގައި ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2334 ވެސް ހިމެނެއެވެ. އޭގެ އިތުރުން، ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމުގެ ސިޔާސަތަށް ބުރޫ އަރާފަދަ ޔަހޫދީންގެ ޢަމަލުތައް ހުއްޓުވުމަށް ވެސް ގޮވާލާފައިވެއެވެ.