ޚަބަރު

އޭޝިއަން ގޭމްސްގެ ކުރިން އައު ރޭންޖުގައި ފަރިތަކުރެވޭނެ: ކޯޗު


  • ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައު ޝޫޓިން ރޭންޖަށް ބަދަލުވުމަށްދަނީ މަސައްކަތްކުރަމުން

  • އައު ރޭންޖާއެކު ޓްރޭނިންތައް ވަށާޖެހޭ ގޮތަކަށް ކުރިއަށް ގެންދެވޭނެ

އޭޝިއަން ގޭމްސްއަށް ފުރުމުގެ ކުރިން އައު ޝޫޓިން ރޭންޖުގައި ފަރިތަކޮށްލަން ލިބުމަކީ ޤައުމީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަމަށް ޤައުމީ ޝޫޓިން ޓީމުގެ ކޯޗު އިބްރާހީމް ސިމާދް ބުނެފިއެވެ.

މުބާރާތަށް ޓީމުން ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލް ޕީއެސްއެމް ނިއުސްއާ ހިއްސާކުރަމުން ސިމާދު ބުނީ ޝޫޓިން ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެކަށޭނަ ފެންވަރުގެ ތަނަވަސް ޝޫޓިން ރޭންޖެއް ނެތުމުގެ ދަތިކަންކަމަށެވެ. ޤައުމީ ޓީމުން މިހާރު ފަރިތަކުރަމުން އަންނަނީ ޖާގައިގެ ގޮތުން ވަރަށް ދަތިކޮށް ކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައު ޝޫޓިން ރޭންޖަށް ބަދަލުވުމުގެ މަސައްކަތް ފަށާނެކަމަށް ކޯޗު ބުންޏެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ޤާއިމްކޮށްފައިވާ އައު ޝޫޓިން ރޭންޖަށް ބަދަލުވުމާއެކު، އޭޝިއަން ގޭމްސްއަށް ޓީމު ފުރުމުގެ ކުރިން ފަނަރަވަރަކަށް ދުވަހު އެތަނުގައި ތަމްރީނުތައް ކުރިއަށް ގެންދެވޭނެކަމަށް އުންމީދުކުރާކަށް ސިމާދް ފާހަގަކުރިއެވެ. އައު ޝޫޓިން ރޭންޖާއެކު ޓީމުގެ ޓްރޭނިންތައް ވަށާޖެހޭ ގޮތަކަށް ބައްޓަންވާނެކަމަށް ކޯޗު ބުންޏެވެ.

"އަޅުގަނޑުމެންނަށް ފެސިލިޓީއެއް ލިބިފަ އެބައޮތް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް މަތީގައި. އެތަނަށް އަންނަ ހަފްތާގައި ބަދަލުވުމުގެ މަރުހަލާ މިއުޅެނީ. އެހެންކަމުން އިރާދަކުރެއްވިއްޔާ މިއަށްވުރެ ޖާގަ ތަނަވަސްތަނެއް އެއީ. އޭރުން އަޅުގަނޑުމެންގެ ޓްރޭނިންތައް ވަށާޖެހޭގޮތަށް ކުރިއަށްގެންދެވޭނެ" ކޯޗް ބުނެފަވެއެވެ.

ޤައުމީ ޝޫޓިން ޓީމުން މިހާރު ފަރިތަކުރަމުން ގެންދާ ތަނަކީ ޖާގައިގެ ގޮތުން ވަރަށް ދަތި ޖާގައަކަށްވުމުން، ޝޫޓަރުންނަށް ދޭންވާ އެންމެހާ ޓްރޭނިންތައް ދިނުމުގައި ދަތިތަކާ ކުރިމަތިވާކަން ކޯޗް ފާހަގަކުރިއެވެ. ޝޫޓިން ސްޕޯޓްސްއަކީ ހަމައެކަނި ބަޑި ޖެހުން ނޫންކަމަށާއި، މި ކުޅިވަރަކީވެސް ފިޒިކަލް އަދި ސައިކޮލޮޖިކަލް ތަމްރީނުތަކެއް ބޭނުންވާ ކުޅިވަރަކަށްވާއިރު، އައު ރޭންޖާއެކު އެތުލީޓުންނަށް ބޭނުންވާ އެހެނިހެން ޓްރޭނިންތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެކަމަށް ކޯޗު ބުންޏެވެ.

"ހަމައެކަނި ބަޑި ޖެހުމެއް ނޫން މީގައި މިއިންނަނީ. ފިޒިކަލް ޓްރޭނިންއާއި ބައިވަރު ސައިކޮލިޖިކަލް އެއްޗެއްސާއި. މިހުރިހާ ކަމެއް ވަށާޖެހޭގޮތަކަށް ނޫން މިހާރު މިދަނީ. އެކޮޅުގައި ޓްރޭނިންތައް ފެއްޓުނީމަ މުބާރާތާއި ދޭތެރޭ އޮތް ފަނަރަވަރަކަށް ދުވަހު އެކޮޅުގައި ޓްރޭނިން ހަދާލެވޭނެކަމަށް މިބަލަނީ" ސިމާދް ބުންޏެވެ.

އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ޤައުމީ ޝޫޓިން ޓީމުން ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، މިއަހަރަކީ މި ކުޅިވަރުން އެންމެ ބޮޑު ކޮންޓިންޖެންޓެއް މުބާރާތުގައި ވާދަކުރާ އަހަރެވެ. އެގޮތުން ޕިސްޓަލް އާއި ރައިފަލް ކެޓަގަރީގައި ރާއްޖޭގެ 12 ޝޫޓަރުން އިންޑިވިޖުއަލް، މިކްސްޑް އިވެންޓް އަދި ޓީމް އިވެންޓުތަކުގައި ވާދަކުރާނެއެވެ.