މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މާލޭގައި ޤާއިމުކުރާ ދެ ފެން ތާނގީގެ ތެރެއިން ފުރަތަމަ ތާނގީ، އަންނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހަށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީ ޙުސައިން ފަހުމީ ވިދާޅުވީ މާލޭގައި އަލަށް ބަހައްޓާ މި ދެ ތާނގީއަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ބޮޑު އަދި އެންމެ އުސް ތާނގީތައްކަމަށެވެ. އަދި މިއީ މާލީ ގޮތުން ބެލިނަމަވެސް ބޮޑު ޚަރަދެއް ހިނގާނެ މަޝްރޫޢެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދެ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ނިމިފައިވާކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ ތާނގީތަކަށް ބޭނުންވާ ސާމާނު މިހާރު އޯޑަރުކޮށްފައިވާ ކަމަށާއި އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުގެ ތެރޭގައި އެ ތަކެތި ރާއްޖެ ގެނެވޭނެ ކަމަށެވެ.
ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެންބަރު ނުވަތަ އޮކްޓޫބަރު މަހުގެ ތެރޭގައި ފުރަތަމަ ތާނގީގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުންކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިއީ 20،000 ލީޓަރުގެ ތާނގީއެއް ކަމަށާއި، މި ތާނގީ ބޭނުންކުރަން ފެށުމުން ފެނުގެ ޑިމާންޑް އެންމެ މަތިވާ ވަގުތުތަކުގައިވެސް އެއްވެސް ދަތިކަމެއް ނެތި ފެން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫޢު ފުރިހަމަވުމާއެކު މާލެއަށް ފެން ފޯރުކޮށްދިނުމަށް މިހާރު ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓުގެ މަސައްކަތް ނިމުމުން މާލޭގައި މިހާރު ހުރި ގިނަ ކަންތައްތަކަށް ހައްލު ލިބިގެންދާނެ. މިހާރުގެ ކެޕޭސިޓީ 10،000 ސްކުއަރ ކިއުބިކް މީޓާރސްގެ ފެން މިހާރު މި ހުރީ. މިހާރު ހުރި ތާނގީއަކީ 30 އަހަރުވެފައިވާ ތާނގީއެއް. ގިނަ ދުވަސްވުމުން އެކި ދަތިތަކާއި ކުރިމަތިވޭ. އެގޮތުން މިހާރު ހުރި އިންފްރާސްރަކްޗަރ ބަދަލުވާން ޖެހޭ. އަލަށް ޤާއިމްކުރެވޭ ތާނގީ ނިމުމުން ކުރިން ހުރި ތާނގީ ތަޅާލާ އެތަނުގައި އައު ތާނގީ އެޅުމުގެ ފުރުސަތު ލިބޭނެ" ފަހުމީ ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ މިމަޝްރޫޢުގެ ދެވަނަ ތާނގީގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި މި މަސައްކަތް ނިމުމުން ފެން ރައްކާކުރެވޭ މިންވަރު އިތުރުވެ މެޝިނަރީޒްތައް ބޭނުންކޮށްގެން ފެން އުފައްދަން ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
13،000 ޓަނުގެ މި 2 ތާނގީއާއެކު 26،000 ޓަނުގެ ފެން ރައްކާކުރުމުގެ ގާބިލްކަން ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ. ފެން ރައްކާކުރެވޭނެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީން ވަނީ މިދިޔަ އަހަރު ހުޅުމާލޭގައި 10000 ޓަނުގެ ފެން ރައްކާކުރެވޭ ނިޒާމެއް ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާނގީއެވެ. މިއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22600 ޓަނަށް ވަނީ އިތުރުވެފައެވެ. މީގެއިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭވަރުގެ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައި ބޭނުން ކުރަންވަނީ ފަށާފައެވެ.