ޚަބަރު

35 ސްކޫލެއްގެ 180 ސްކައުޓުންނާއެކު މިއަހަރުގެ ފުރަތަމަ ޕެޓްރޯލް ލީޑަރސް ޓްރެއިނިންގް ކޭމްޕް ފަށައިފި


ރާއްޖޭގެ 35 ސްކޫލެއްގެ 180 ސްކައުޓުންނާއެކު މިއަހަރުގެ ފުރަތަމަ ޕެޓްރޯލް ލީޑަރސް ޓްރެއިނިންގް ކޭމްޕް ހުޅުމާލޭ ޣާޒީ ސްކޫލުގައި ފަށައިފިއެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ކޭމްޕަކީ، ސްކައުޓުންގެ މެދުގައި އިސްނެގުމުގެ ރޫޙު ޢާލާކޮށް، މިޙަރަކާތަށް އައު ޕެޓްރޯލް ލީޑަރުންނާއި އެސިސްޓެންޓް ޕެޓްރޯލް ލީޑަރުން ތަމްރީނުކުރުމަށް ހިންގާ ކޭމްޕެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ސްކައުޓް އެސޯސިއޭޝަންގެ ޕަބްލިކް ރިލޭޝަންސް ކޮމިޝަނަރ އަޝްރަފް ވަޙީދު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ޕެޓްރޯލް ލީޑަރސް ޓްރެއިނިންގް ކޭމްޕްގައި ޓީމް ބިލްޑިންގްގެ ޙަރަކާތްތަކާއި، ތަފާތު ޙާލަތްތަކުގައި ވިސްނުން ގެންގުޅޭނެ ގޮތްތަކަށް ސްކައުޓުން ތަމްރީނުކުރުމުގެ އިތުރުން ޒުވާން ޖީލަކީ ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމަށް ސްކައުޓުންގެ ދައުރާބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މި މަޢުލޫމާތު ކްލާސް ރޫމްތަކާއި ކްލާސް ރޫމުން ބޭރުން އަމަލީގޮތުން ކުރިއަށްގެންދާ ސެޝަންތަކުގެ ތެރެއިން ސްކައުޓުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އަޝްރަފް ވަޙީދު ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ޣާޒީ ސްކޫލުގައި ފެށި މި ކޭމްޕް މާދަމާއާ ހަމައަށް ދާނެއެވެ.

1956 ވަނަ އަހަރު ރާއްޖޭގައި ފެށި ސްކައުޓް ޙަރަކާތްތަކަށް މިހާރު 62 އަހަރު ފުރިފައިވާއިރު، ދުނިޔޭގައި ސްކައުޓް ޙަރަކާތްތައް ފެށިގެން ހިންގަމުން އަންނަތާ މިއަހަރު 112 އަހަރު ފުރޭނެއެވެ.