ޚަބަރު

ޖުލައިމަހު ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ ފަންގިފިލާއަކުން ޚިދުމަތްދޭން ފަށަނީ


މިއަހަރުގެ ޖުލައި މަހު ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ ފަންގިފިލައަކުން ޚިދުމަތްދޭން ފަށާނެކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމްވަނީ މިއަދު ދަރުމަަވަންތަ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ނާއިބް ރައީސް ފައިސަލް ނަސީމްވަނީ އައިޖީއެމް ހޮސްޕިޓަލްގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ޒިޔާރަތުގައި ނާއިބް ރައީސް ވަނީ އަންނަ އޭޕްރީލްމަހު ހުޅުވުމަށް ތައްޔާރުވަމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 4 ފަންގިފިލާވެސް ބައްލަވާލައްވާފައެވެ.

ނާއިބް ރައިސްވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސުލްޖުމްހޫރިއްޔާއާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ހަދާ ފަންގިފިލާވެސް ބައްލަވާލައްވާފައެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގައި ނަފްސާނީ ބަލިތަކަށް ޚާސައްކޮށްގެންހަދާ އިންސްޓިޓިއުޓްގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް އެމަނިކުފާނު ބައްލާވާލެއްވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ބައްލަވާލެއްވުމަށް ނައިބްރައީސް ފައިސަލް ނަސީމް ކުރެއްވި ޒިޔާރަތުގައި ހެލްތް މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރވެސް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ވަމުންދާ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން، އައިޖީއެމް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ، އޭޕްރިލް މަހު ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދަނީ ފުރަމަ 4 ފަންގިފިލާގައި ކަމަށާއި، މި ފަންގިފިލާތަކުގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާ ޚައްސަކޮށްފައިވަނީ އެކްސްރޭއާއި، ސީޓީ ސްކޭނާއި، އެމްއާރްއައި ފަދަ ތަޙްލީލުތައް ހެދުމަށެވެ. ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާ އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްފައިވާއިރު 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އަރތްރައިޓިސް ނުވަތަ ހުޅުތަކުގެ ބައްޔަށް ފަރުވާދިނުމަށް ހައިޑްރޯ ޕޫލަކާއި، އަދި ފިޒިއޮތެރަޕީގެ ޚިދުމަތްތަކަށް ޚާއްސަކޮށްގެންނެވެ.

"މިހާރު ހަރަތު ފްލޯގެ ޚިދުމަތް ފެށިނަމަބެސް، ދެން ހަމަ އެކި ފްލޯތައް އޮޕަރޭޝަނަށް ގެނެސް، ޖުލައި މަހު މުޅި ހޮސްޕިޓަލް އޮޕަރޭޓްކުރަން ފަށާނެއެވެ. މިހާރު މެޝިންތައް ރާވާ ނިވި ޓެސްޓްކުރަނީ. މުއައްޒަފުން ނެގުމުގެ މަސައްކަތް މިހާރު ސިވިލްސާވިސްއާއި ގުޅިގެން އެބަކުރަން." އައިޖީއެމްއެޗްގެ ސީއީއޯ އިބްރާޙިމް ސަލީމް ވިދާޅުވިއެވެ.

ދަތުމަވަންތަ ހޮސްޕިޓަލުން ދިނުމަށް ހަމަޖެހިފައިވާ އިތުރު ޚިދުމަތްތަކުގެތެރޭގައި ހިތުގެ ބަލިތަކާއި، ކުޑަކުދިންގެ ޚާއްސަ ބަލިތަކާއި، އަންހެނުންގެ ބަލިތަކާއި، ކަރުން މަތީގެ ބަލިތަކާއި، ލޮލުގެ ބަލިތައްފަދަ ޚާއްސަ ބަލިތަކުގެ ޚިދުމަތުގެ އިތުރުން، ބޮޑެރި އޮޕަރޭޝަންތައް ކުރުމުގެ ޚިދުމަތް ހިމެނެއެވެ.

މެޑިކަލް ކޮލެޖުގެ ކިޔެވުން ކުރިއަށްގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 14އަދި 8ވަނަ ފަންގިފިލާގައެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ ބަޖެޓުން 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލާއިއެކު އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ 500އަށް އިތުރުވާނެއެވެ.