ޚަބަރު

ރައީސް ޞާލިޙުގެ އިޤްތިޞާދީ އެޖެންޑާއަށް ފުރިހަމަ އެއްބާރުލުން ދޭނަން - ސަޢުދީ ފަންޑު


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ އިޤްތިޞާދީ އެޖެންޑާއަށް ސަޢުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ފަންޑުން ދީފިއެވެ.

ސަޢުދީ ފަންޑުން މި ޔަޤީންކަން ދެއްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ސަޢުދީ ފަންޑުގެ ޗެއަރމަން އަދި ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަރޒް ގެ އެޑްވައިޒަ އަޙްމަދް ބިން އަޤީލް އަލް ޚަތީބްއާ ބައްދަލުކުރައްވާ ދެކެވުނު ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ރައީސް ޞާލިޙުގެ ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ސަޢުދީ ފަންޑުގެ ޗެއެރމަން އަލް ޚަތީބަށް ޙިއްޞާ ކުރައްވާފައިވާ ކަމަށެވެ. އަދި ހަމަ އެ މަޢުލޫމާތުތައް ސަޢުދީ ފަންޑުގެ އިސް ބޭފުޅުންނާއި ފޮރިން މިނިސްޓަރ ޝާހިދު ޙިއްޞާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގެ މާބޮޑު ތަފްޞީލެއް ފޮރިން މިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސަޢުދީ ޢަރަބިއްޔާއަށް މި މަހުގެ 12އިން 15އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންވެސްޓްމަންޓްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ފިނޭންސް މިނިސްޓަރުގެ ނައިބާއިވެސް ފޮރިން މިނިސްޓަރ ޝާހިދު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.