ކުޅިވަރު

ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށައިފިން - ސުޒޭން


އަންނަ ސީޒަނަށް މިހާރު އެންމެ ފޯރިއާއެކު ތައްޔާރުވަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސްއަށް ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލްގަނީ (ބޮބީ) ކްލަބް ގްރީން ސްޓްރީޓްސް އަށް ސޮއިކުރުމަށް ޓާމިނަލް ކެފޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ކޯޗު ސުޒޭން ބުނީ، ބިދޭސީ 2 ކުޅުންތެރިން ހޯދުމަށް ޓީމުގެ މެނޭޖްމަންޓްގައި އެދިފައިވާނެކަމަށެވެ. ބޭރުން ކުޅުންތެރިން ގެނައުމުގައި ބަލާނީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަށްވުރެއް ތަފާތު ހުނަރު ހުރި ކުޅުންތެރިން ގެނައުމަކަމަށްވެސް ކޯޗު ބުންޏެވެ.

ސުޒޭން ބުނީ ޓީމަށް ބޮލެއް ހަމަކުރާށޭ ކިޔާފައި ކުޅުންތެރިން ނުގެންނާނެކަމަށެވެ. އަދި މިހާރު ބަލަމުން ދަނީ ރޯމޭނިއާ ޑިފެންޑަރަކަށާއި، ހަންގޭރީ ޑިފެންޑަރަކަށާއި އަދި ކުރިން ރާއްޖޭގައި ކުޅެފައި ހުރި ކުޅުންތެރިއަކަށް ކަމަށް އޭނާ ބުންޏެވެ.

"ހަމަ ނަމެއްގައި ޓީމު ހަމަކުރަން ކުޅުންތެރިއެއް ނުގެންނާނަން، މިހާރު ތިބި ކުޅުންތެރިންނަށްވުރެ ތަފާތު މޮޅު ކުޅުންތެރިން މި ހޯދަނީ"

އަންނަ ސީޒަނަށް ގްރީން ސްޓްރީޓްސް ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ވަނީ އެ ޓީމަށް ގެނެސްފައެވެ. އަދި ނިއުގެ މެދުތެރޭގައި މިދިޔަ ސީޒަންގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އުމައިރުގެ ސޮއިވެސް ގްރީންއިން ވަނީ ހޯދާފައެވެ.

ގްރީން ސްޓްރީޓުން ބުނީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަދި އިތުރު ކުޅުންތެރިން އެޓީމާއި ގުޅޭނެކަމަށެވެ.