ޚަބަރު

ކުރީ ސަރުކާރުން ފްލެޓު ދިން މީހުންގެ ނަންތައް ހާމަކުރަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ނަން ހާމަކުރާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި ކޮމިޓީން ވިދާޅުވެއްޖެއެވެ.

"ހިޔާ" މަޝްރޫޢާއި "ގެދޮރުވެރިކުރުން" އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި، ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި، ދެފުށް ފެންނަ ގޮތަކަށް ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލެއްވި ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގެ މެންބަރު ފާޠިމަތު ރަޝީދާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ތިން މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމްތައް އެއްކޮށް، އެފޯމްތައް ތަރުތީބުކުރުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި ހިމެނޭ ހިޔާ މަޝްރޫޢުގެ ދެ ކެޓަގަރީއެއްގެ ފޯމްތައް އިވެލުވޭޓްކުރުމުގެ މަސައްކަތްވެސް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ރަޝީދާ ވިދާޅުވިއެވެ.

ރަޝީދާ ވިދާޅުވީ ފްލެޓް ދިނުމުގައި ކަނޑައެޅިފައިވާ ޝަރުތުތަކާއި ޚިލާފަށް ބައެއް ފަރާތްތަކަށް ފްލެޓް ދޫކޮށްފައިވާކަން މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ.

"60 ޕަސެންޓް ޕްއިންޓް އެބަދެވޭ ދިރިއުޅުމުގެ ހާލަތަށް ބިނާކޮށް. އެކަމަކު ބައެއް ފޯމްތަކުގައި މިމައުލޫމާތު ނެތިވެސް ހަމަ ފުލް 60 ޕަސެންޓް މާކްސް ދެވިފައިއެބަހުރި. އަޅުގަނޑުމެންނަކަށް އެއްވެސް ލިޔެކިއުމަކުންވެސް އިނގޭކަށެނެތް ކިހިނެތްކަމެއް މިހާލަތު އެސެސްކުރެވިފައި މިވަނީ" ފާޠިމަތު ރަޝީދާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމެޓީގެ ނާއިބު ރައީސް މުޙައްމަދު މުޢިއްޒު އަދުނާން ވިދާޅުވީ، ރައްޔިތުނާއި ގުޅިފައިވާ މިފަދަ މުހިއްމު މަޝްރޫއަކަށް ހުށަހެޅިފައިވާ ފޯމްތައް ހައުސިންގ މިނިސްޓްރީން ރައްކާތެރިކަމާއިއެކު ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އެއްވެސް ތަރުތީބެއްނެތި ފޯމްތައް އެކިތަންތަނުގައި ބަހައްޓާފައިވާކަމަށާއި، މީގެ ދެދުވަސްކުރިން ހައުސިންގ މިނިސްޓްރީގެ ގުދަނެއްގެ ތެރެއިންވެސް ގިނަ އަދަދެއްގެ ފޯމްތައް ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެތަނަށް ގޮސް ބެލިއިރު ފޯމްތައް ހުރީ ބިން މައްޗަށް އުކާލާފައި. ބައެއް ފޯމްތައް ބަންޑެލިކުރެވިފައި އަނެއްބައި ފޯމްތައް ބަންޑެލިނުކޮށް މުޅިން ވިއްސިވިހާލިވާ ކަހަލަގޮތަކަށް. އެހެންވީމަ ފުރަތަމަ އަޅުގަނޑުމެންގެ މަސައްކަތަކަށްވީ އެފޯމްތައް ސެކިއޯކުރުމަށްފަހު ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ތިބެގެން އެއެއްޗިހިތައް ގުނައި އެއްބަޔަކު އަނެއްބަކު އޭގައި ސޮއިކުރުން" މުޙައްމަދު މުޢިއްޒު އަދުނާން ވިދާޅުވިއެވެ.

ފްލެޓްތައް ދީފައިވާނީ އެންމެ ޙައްޤު ފަރާތްތަކަށްތޯ ދެނެގަތުމަށް ކޮމެޓީން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އަންނަ ހަފްތާގައި އާންމުންގެ ޝަކުވާތަކަށް ހުޅުވާލުމަށް ނިންމާފައިވާކަމަށާއި، ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ފްލެޓްތައް ދޫކުރުމުގައި އަމަލުކޮށްފައިވާގޮތް ދެނެގަނެ އެކަމާއި ގުޅޭގޮތުން ކޮމެޓީގެ ލަފާތައް ރައީސަށް އަރުވާނެކަށް ކޮމެޓީން ވިދާޅުވިއެވެ.