ޚަބަރު

ހުޅުދުއްފާރަށް، 400 ކިލޯވޮޓްގެ ޖަނަރޭޓަަރެއް ގެންގޮސްފި


ރ.ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކާ 400 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސް، އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނުން ފަށައިފިއެވެ.

ރ. ހުޅުދުއްފާރަށް ކަރަންޓު ދެމުންގެންދިޔަ 3 ޖެންސެޓްގެތެރެއިން 250 ކިލޯވޮޓްގެ ޖެންސަޓަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އެރަށުގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން އަންނަނީ ދިމާވަމުންނެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުޅުދުއްފާރަށް ފޮނުވާފައިވަނީ އިއްޔެއްގެ ވަގުތެއްގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް ވިދާޅުވީ، އެރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކާ ގެނައި 400 ކިލޯވޮޓްގެ ޖަނަރޭޓަރު އިންޖީނުގެއާއި ގުޅުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސައިލެންސަރު ހަރުކުރުމާއި، ރޭޑިއޭޝަންގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށާއި، މިރޭގެ މެންދަމު ނުވަތަ މާދަމާގެ ވަގުތެއްގައި ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މުޅިން ނިންމާލެވޭ ވަރު ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލަށް އިންސްޓޯލްކުރާ ޖަނަރޭޓަރާއެކު، ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މަސައްލަ ހައްލުވެ، ޢާއްމު ޙާލަތަކަށް ގެނެވޭނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ބުނެއެވެ. ހުޅުދުއްފާރަކީ އާބާދީގައި 1500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ.