ޚަބަރު

ގދ.މަޑަވެއްޔާއި، ދާންދޫ އަދި ވިލިނގިލީގެ ކައުންސިލާއި ނައިބް ރައީސް ބައްދަލުކުރައްވައިފި


ނާއިބު ރައީސް ފައިސަލް ނަސީމް، ގދ.މަޑަވެއްޔާއި، ގއ. ވިލިނގިލީގެ ކައުންސިލާއި އަދި ގއ.ދާންދޫ ކައުންސިލާއި ބައްދަލުކިރައްވައި، އެ ރަށްތަކަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީ، އެ ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުވެ، އެރަށްތަކުގެ ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުއްވަވާ، އެކަންކަމަށް އަވަސް ޙައްލެއް ހޯދިމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެގޮތުން ގދ.މަޑަވެލި ކައުންސިލުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އެރަށުގައި ފަށާފައިވާ ނަރުދަމާގެ މަސައްކަތް ނުނިމި ލަސްވުމާއި، ސިއްޙީ ނިޒާމު ހަރުދާނާކުރުމަށް އެރަށު ސިއްޙީ މަރުކަޒުގައި ލެބޯޓަރީއެއް ހެދުމާއި، އަދި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރު ކުރުމަށް ފުލުހުންގެ ޚިދުމަށް އެރަށުގައި ފެށުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މަޑަވެއްޔަށް ވަޑައިގަތުމަށްފަހު ނާއިބު ރައީސް ވަނީ ގއ. ދާންދޫއަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން ރަށު ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި، ރަށުގެ އާބާދީ އިތުރުވަމުން އައުމާއި ގުޅިގެން ދިމާވެފައިވާ ބިމުވެ ދަތިކަމުގެ މައްސަލައާއި، މަގުތަކުގައި ފެންބޮޑުވެ ދުއްވާ އުޅަނދުތަކާއި އާއްމުންނަށް ލިބެމުންދާ ގެއްލުމަށް ޙައްލުހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ނާއިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފަހުން ވަޑައިގެންފައިވަނީ ގއ.ވިލިނގިއްޔަށެވެ. އެރަށަށް ވަޑައިގެން ވިލިނގިލީ ހޮސްޕިޓަލްގެ ޚިދުމަތްތައް ބައްލަވާލައްވާ، ހޮސްޕިޓަލްގެ މުވައްޒަފުންނާއި ނާއިބު ރައީސް ބައްދަލުކުރެއްވިއެވެ. ވިލިނގިލި ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލުގައި ހުރި ދަތިތަކާއި، މިވަގުތަށް އެންމެ ބޭނުންވާ ޚިދުމަތްތަކާއި ގުޅޭގޮތުން ސަރުކާރާއި ޙިއްސާކޮށްފައެވެ. މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް އަބްދުﷲ މާހިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނައިބް ރައީސްވަނީ ވިލިނގިލީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތުމާއި، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ އިންޖީނަށް ބާރުބޮޑުވެ ކަރަންޓު ކެނޑުމުގެ މައްސަލައާ، އަލަށް މީހުން އާބާދުވި ސަރަޙައްދުގެ ބައެއް ގެތަކުގައި އެކަށީގެންވާ ނަރުދަމާ ނިޒާމު ނެތުމާއި ގުޅިގެން އާންމުންގެ ކަންބޮޑުވުންވަނީ ޙިއްސާކޮށްފައެވެ.

ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.