ވިޔަފާރި

އައިސީޓީ ދާއިރާވެސް ފަތުރުވެރިކަމާއި އެއްވަރަށް ކުރިއެރުވިދާނެ - މިނިސްޓަރު މަލީހު


އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކީވެސް ފަތުރުވެރިކަމާއި އެއްހަމައެއްގައި ރާއްޖޭގައި ކުރިއެރުވިދާނެ ސިނާއަތެއްކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ޓެކްނޮލޮޖީ ފެއަރ "މޯލްޑިވްސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމަރ އިލެކްޓްރޯނިކްސް ފެއަރ" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ފަތުރުވެރިކަމާއި އެއްހަމައެއްގައި އައިސީޓީ ދާއިރާއަކީވެސް ކުރިއެރުވުމުގެ ޤާބިލްކަން ލިބިފައިވާ ދާއިރާއެއްކަމަށެވެ. މި ދާއިރާގެ ފެއަރތައް ރާއްޖޭގައި ބާއްވަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުގެ އުފެއްދުންތަކާއި ޙިދުމަތްތައް ރާއްޖެއަށް ތައާރަފުވެ، ރާއްޖޭގެ އައިސީޓީ ދާއިރާގެ އުފެއްދުންތައްވެސް ބޭރުގެ ދުނިޔެއަށް ތަޢާރަފް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައިސީޓީ ދާއިރާއަކީ ރައީސް ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއެރުވުމަށް މަސައްކަތްކުރާ ދާއިރާއެކެވެ. އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ އެސްއެމްއީ ބޭންކް މެދުވެރިކޮށް މިދާއިރާ ކުރިއެރުވުމަށް ލޯނު ދޫކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މުޅި އައިސީޓީ ދާއިރާ ހިމެނޭގޮތުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މިކަމުގެ ސަބަބުން އެފަރާތްތަކަށް ސަރުކާރާއި ވާހަކަދެއްކޭނެ ފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.