ވިޔަފާރި

ހަނިމާދޫ އެއަރޕޯޓު ތަރައްޤީކޮށް ބޭރުގެ ފްލައިޓްތައް ގެނައުމަކީ ސަރުކާރުގެ އަމާޒެއް - ޓޫރިޒަމް މިނިސްޓަރު


ތިލަދުންމަތީ ރަށްތަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ހަނިމާދޫ އެއަރޕޯޓު ތަރައްޤީކޮށް ބޭރުގެ ފްލައިޓްތައް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ އަލި ވަހީދު ވަނީ ދިއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި އެ ސަރަޙައްދުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މިނިސްޓަރ ވާހަކަދައްކާފައިވެއެވެ. އެގޮތުން ތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހަނިމާދޫ އެއަރޕޯޓަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ ގޮތް ހަދައިދެއްވާނެކަމަށް މިނިސްޓަރ އަލި ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒަކަށް ވާއިރު ދިއްދޫގައި ގެސްޓްހައުސް ވިޔަފާރި ފަށައިގެން ކުރިއަށްގެންދިއުމަކީ އެރަށަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެކަމެއްކަމަށެވެ. އަދި އެސްއެމްއި ބޭންކް ލޯންގެ އެހީގައި ޒުވާނުންނަށް މިކަން ކުރުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަތޮޅުގެ ރަށްތަކުގެ ފަތުރުވެރިކަމުގެ ހާލަތު ދެނެގަތުމަށްޓަކައި ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަނީދު ވަނީ ހަނިމާދޫ، ކުޅުދުއްފުށި، ދިއްދޫ އަދި ކެލައަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.