ޚަބަރު

"ޤައުމީ ތަރައްޤީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރާނަން"


އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ޤައުމީ ތަރައްޤީއާ ގުޅޭ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދާ މެނޭޖްކުރުމަށް ޙާއްޞަ ކުންފުންޏެއް މިއަހަރުގެ ތެރޭގައި އުފެއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަނި ނޫންކަމަށާއި، ސިޔާސީ ވިސްނުމާ ދުރު، އަމިއްލަ ކުންފުނިތަކުގައި، ތަރައްޤީގެ ވިސްނުން މާ މުއްސަނދިވާނެކަމަށެވެ. އެހެންކަމުން ޤައުމީ ތަރައްޤީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، އެފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޓެކްސް ނިޒާމް ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ޤާއިމުކޮށްފައިވާކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ޤައުމީ ތަރައްޤީއާ ގުޅޭ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް "ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި ޚާއްޞަ ކުންފުންޏެއް އުފައްދައި، އެކުންފުނި މެދުވެރިކޮށް އެކިއެކި ސަބަބުތަކާހުރެ ނުހެދި ހުރި ރަށްތައް ތަރައްޤީކުރާނެ ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"
އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ޤައުމީ ތަރައްޤީއާ ގުޅޭ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދައި މެނޭޖްކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށްޓަކައި، "ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މިއަހަރުގެ ތެރޭގައި ކުންފުންޏެއް ޤާއިމުކުރެވިގެންދާނެ. މި ނިޒާމުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ނުހެދި ހުރި ރަށްތައް ތަރައްޤީކުރާނެ ފައިސާވެސް ހަމަޖައްސައިދެވޭނެ"
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޞާލިޙް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ސަރުކާރުން ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލެއް ޤާއިމުކުރުމަކީ، މި ސަރުކާރުން އެންމެ އިސް އެއް ސިޔާސަތުކަން ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށް ލުމަށް މިހާރު ތައްޔާރުވަމުންދާކަމަށާއި، މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު އަލުން ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.