ޚަބަރު

މުޖުތަމަޢުގެ ލާބަޔަށް އުރީދޫއިން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައި - ނައިބު ރައީސް


އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އިޖުތިމާޢީ ކުރިއެރުމަށް ގިނަމަސައްކަތްތަކެއް ކޮށްފައިވާ ކުންފުންޏެއްކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އުރީދޫ މޯލްޑިވްސްއިން ކުންޏާ ދެކޮޅަށް ކުރިއަށްގެންދަން ރާވާފައިވާ ކެމްޕޭން "ވަރ އޮން ވޭސްޓް"ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

އުރީދޫ މޯލްޑިވްސްގެ "ވަރ އޮން ވޭސްޓް" ކެމްޕޭން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް، ނާއިބު ރައީސް ފައިސަލް ނަސީމް ރުރީދޫ މޯލްޑިވްސްއަށް ޒިޔާރަތްކުރެއްވީ މިއަދު ހެނދުނުއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުވަނީ ފައިތުވެދިޔަ 13 އަހަރު އުރީދޫއިން ރާއްޖެގެ މުވާޞަލާތީ ދާއިރާއަށް ގެނެސްދިން ކުރިއެރުމާއި މުޖުތަމަޢުގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މުޖުތަމާއުގައިހުރި ގިނަ މައްސަލަތައް ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި ވާހަކަފޔުޅުދައްކަވާފައެވެ.

އެގޮތުން ކުޑަކުދިން ދުންފަތާއި ހަށިގަނޑަށް ގެއްލުން ހުރި ބުއިންތަކާއި ސުޕާރީ ފަދަތަކެތިން ދުރުކޮށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް އެންމެން އަތުގުޅާލުމަށް ނައިބުރައީސް އިލްތިމާސްކުރެއްވިއެވެ. މީގެއިތުރުން މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވިދާޅުވީ އަވަސް އަރުވާލައިގެން ދާންޖެހޭ ހަމައެކަނި ތަނަކީ ހޮސްޕިޓަލް ކަމަށާއި އެހެންހުރިހާ ތަނަކަށްވެސް ދާންޖެހޭނީ ހަމަޖެހިގެންކަމަށެވެ. އަދި މިކަންކަމަށް ޢާއްމުން ހޭލުންތެރިކުރުމުގައި ކުންފުނިތަކުން އަދާކުރާ ދައުރު ނައިބުރައީސްވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިނަމަވެސް އެމީހެއްގެ އަމާޒަކަށް ވާންޖެހޭނީ އެކުރާ މަސައްކަތަކުން ޤައުމަށް ފައިދާވާނެ ގޮތްތައް ބަލައިގެންކަމަށެވެ.

ނައިބު ރައީސް ފައިސަލްވަނީ ކުންޏާދެކޮޅަށް އުރީދޫއިން ކުރިއަށްގެންދިޔަ ކެމްޕޭން "ވަރ އޮން ވޭސްޓް" ވާއުވް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި މިފަދަ މުޖުތަމަޢަށް ފައިދާހުރި ކަންކަމުގައި އުރީދޫ އަބަދުވެސް ދެމި އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.