ޚަބަރު

ޕަބްލިކް ވޯރކްސްގެ ޔުނިޓްތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރަނީ


ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ޕަބްލިިކް ވޯރކްސްގެ ރީޖަނަލް ޔުނިޓްތައް، އެ ރަށްތަކުގެ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ ޕަބްލިކް ވޯރކްސްގެ ޔުނިޓްތައް ހުރި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް، އެ ޔުނިޓްތައް ކައުންސިލްތަކުގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އަތޮޅުތެރޭގައި ހުރި ޕަބްލިކް ވޯރކްސްގެ ޔުނިޓްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނުނިމިހުރި މަސައްކަތްތަކާގުޅޭ މައުލޫމާތު ހޯދާފައެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މަސައްކަތަކީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވައިގެން، އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެދަށުން، ނިންމި ނިންމުމެއްކަމަށެވެ. އެގޮތުން ޕަބްލިކް ވޯރކްސްގެދަށުން މަސައްކަތްތައް ކުރިއަށްދާ 11 އަތޮޅުގެ ކައުންސިލަރުންނާ ޕްލޭނިންގ މިނިސްޓްރީން ވަނީ ބައްދަލުކޮށް، ވިލަރެސްކޮށްފައެވެ.

"
"ޕަބްލިކް ވޯރކްސްއިން ކުރަމުންދިޔައީ ހަމައެކަނި މަގު ހެދުމުގެ މަސައްކަތް. 20-30 ޕަރސެންޓް މަސައްކަތް ކުރިއަށްދިޔަ ރަށްތައްވެސް އެބަހުރި. ބޭނުންވަނީ އަލުން ބިޑަށް ހުޅުވާލައިގެން މިފަދަ މަސައްކަތްތައް އަލުން ފެށުން."
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ބިޑަށް ހުޅުވާލައިގެން މަސައްކަތްތައް ހަވާލުކޮށްފައިވާއިރު، އެއްވެސް ހަމައެއް ނެތި މަސައްކަތްތައް ކޮށްފައިވާކަން ފާހަގަވެފައިވާކަމަށެވެ. އަދި ކައުންސިލްތަކާ ހަވާލުކޮށްގެން އަލުން ބިޑަށް ހުޅުވާލައިގެން މަސައްކަތް ކުރަން ނިންމީ، މަސައްކަތްތައް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ ބައެއް ރަށްރަށުގެ މަގުތައް ހެދުމަށް ބަޔަކާ ހަވާލުކުރި ނަމަވެސް ބޭނުންވާ ބައެއް ސާމާނު އަންގާފައިވާ ގޮތަށް ނުގެންދިއުމުގެ ސަބަބުން ހުއްޓިފައިވާ މަސައްކަތްތައްވެސް ހުރިކަމަށެވެ. އަދި ބައެއް ރަށްރަށުގައި ކުރިއަށްދިޔަ މަސައްކަތްތައް ހުއްޓާލައި، މެޝިނަރީތައްވެސް ރަށުން ބާލާފައިވާކަމަށް ބައެއް ކައުންސިލްތަކުން ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ މިގޮތަށް މަސައްކަތް ހުއްޓާލާފައިހުރި ރަށްރަށަށް އެމަސައްކަތް ކުރަން ބޭނުންވާ ސާމާނު ގެންގޮސް ވަރަށް އަވަހައް މަސައްކަތްތައް އަލުން ފަށާނެކަމަށެވެ.

މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެމްއާރްޑީސީ އުވާލައި، ޕަބްލިކްސް ވޯކްސްއަށް އަލުން ބަދަލުކޮށް، ހައުސިންގ މިނިސްޓްރީގެ ދަށަށް އެތަން ބަދަލުކޮށްފައިވަނީ ކުރީގެ ސަރުކާރުންނެވެ. ނަމަވެސް މި ސަރުކާރުންވަނީ ޕަބްލިކް ވޯރކްސް އުވާލައި، ޕަބްލިކް ވޯރކްސްގެ ދަށުން ކުރަމުންދިޔަ މަސައްކަތްތައް ސީދާ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ކުރަމުންދާގޮތަށް ހަމަޖައްސާފައެވެ.