ވިޔަފާރި

"ދަ ނޮޓިލަސް މޯލްޑިވްސް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި


ބ އަތޮޅުގައި ތަރައްޤީީކޮށްފައިވާ "ދަ ނޮޓިލަސް މޯލްޑިވްސް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި.
މި ރިސޯޓަކީ ފަތުރުވެރިންނަށް ފުރިހަމަ މިނިވަންކަން ލިއްބައިދިނުމުގެ ގޮތުން އެއްވެސް ސެޓް މެނިއުއެއް، ނުވަތަ އައިޓިނަރީއެއް ނީންނަ ރިސޯޓެކެވެ. އެހެން ރިސޯޓުތަކާ ހިލާފަށް ދަ ނޮޓިލަސްގައި ފަތުރުވެރިންނަށް ހުރިހާ ގަޑިތަކެއްގައި ރެސްޓޯރަންޓަކުން ބޭނުންވާ ކޮންމެ އެއްޗެއް ލިބޭނޭ އިންތިޒާމް ހަމަޖައްސާފައި ހުރެއެވެ.
މި ރިސޯޓުގެ ބީޗް އަދި އޯޝަން 26 ވިލާ ހިމެނޭއިރު، މީގެތެރޭގައި 1 ކޮޓަރިއާއި ދެކޮޓަރީގެ ވިލާތައް ހިމެނެއެވެ.
ކޮންމެ ވިލާއެއްގައިވެސް ކޮޓަރިއާއި، ފާހާނާ، ސިޓިން ރޫމް، ޕޫލް އަދި ކުޑަ ބަދިގެއެއް ހުރެއެވެ. މީގެއިތުރުން ކޮންމެ ވިލާއަކަށް ހާއްސަ ބަޓްލަރެއް ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިހުރެއެވެ.
ދަ ނޮޓިލަސް މޯލްޑިވްސްގެ ކޮންސެޕްޓް ފަރުމާކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ޑރ އައި.ޔޫ. މަނިކުއެވެ. މި ރިސޯޓަކީ އެކަހެރިކަމާއި، ހަމަހިމޭންކަމަށް ލޯބިކުރާ ފަތުރުވެރިންނަށް ހާއްސަ ރިސޯޓެކެވެ. ރިސޯޓުގެ ވިލާތަކުގެ އަގުތަށް ފެށެނީ ރެއަކަށް 2000 ޑޮލަރުގެ ރޭޓުންނެވެ.
މިރިސޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސީޕްލޭނުގައި ފުރައިގެން 35 މިނެޓުގެ ތެރޭގައި ދެވެއެވެ.