ވިޔަފާރި

ގަން އެއަރޕޯޓުން ފުވައްމުލަކު ސިޓީއަށާއި ހުވަދު އަތޮޅަށް ސީދާ ދަތުރުތައް ބޭއްވުމަކީ މުހިންމުކަމެއް - ފިރާޤް


ހުވަދު އަތޮޅު އަދި ފުވައްމުލަށް ސިޓީގައި، ފަތުރުވެރިކަން ފުޅާކުރެވޭނީ، އައްޑޫ ސިޓީ ގަން އެއަރޕޯޓުން ސީދާ އެ ދެ އަތޮޅަށް ދަތުރުކުރެވޭނޭ ނިޒާމެއް ޤާއިމް ކުރެވިގެންކަމަށް އޭސް އޭވިއޭޝަނުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްރީލަންކަން އެއަރލައިނުގެ ރާއްޖޭގެ އޭޖެންޓު އޭސް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް ވިދާޅުވީ، ސްރީލަންކަން އެއަރލައިނުން އައްޑޫ ސިޓީއަށް ކުރާ ދަތުރުތަކުގެ ބޭނުން ދެކުނުގެ އަތޮޅުތަކުގެ ރިސޯޓްތަކަށް ހިފޭނީ ގަމުން ރިސޯޓްތަކަށް ފަސޭހައިން ދަތުރުކުރެވިގެން ކަމަށެވެ. އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ސީދާ ދަތުރުތައް ފުވައްމުލަކް ސިޓީ އަދި ހުވަދު އަތޮޅަށް ކުރެވެން ޖެހޭކަން ފިރާޤް ފާހަގަކުރެއްވިއެވެ.

"
ގަން އެއަރޕޯޓުން ހުވަދު އަތޮޅަށް އާދެވޭނެ ފަސޭހަ ގޮތެއް ނެތް. މިހާރުވެސް ހުވަދު އަތޮޅުގެ ބައެއް ރިސޯޓްތަކުގެ އޮކިއުޕެންސީ އުޅެނީ 30 އިންސައްތައިގައި މިއީ އެފަރާތްތަކަށްވެސް ބޮޑު ގޮންޖެހުމެއް
އޭސް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤް

ހުވަދު އަތޮޅުގައި މިހާރު 7 ވަރަކަށް ރިސޯޓްވަނީ ހުޅުވާފައެވެ. އަދި 8 ރިސޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ. ފިރާގު ވިދާޅުވީ މިހާރު ހުވަދު އަތޮޅުގެ ރިސޯޓުތައް އޮޕަރޭޓްކުރަމުން ދަނީ ގޮންޖެހުންތަކާއި އެކު ކަމަށެވެ.
ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންވެސް މަސައްކަތްތަކެއް ކުރަމުންދާކަން ފިރާގު ފާހަކުރެއްވިއެވެ.
ފިރާގު ވިދާޅުވީ ސްރީލަންކަން އެއަރލައިނުން އައްޑޫ ސިޓީއަށް ކުރާ ދަތުރުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނީ، ދެކުނުގެ ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ކުރިއަރައިގެން ދިއުމުންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އައްޑޫ ސިޓީ ގަމަށް ސްރީލަންކަންގެ ދަތުރުތައް މެދުކަނޑާލުމުގެ ވާހަކަތަކެއް ހުސްވި މަހުގެ ތެރޭގައި ދެކެވުނު ނަމަވެސް ފަހުން ވަނީ އެ ދަތުރުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. އެކަމާއި ގުޅޭގޮތުން ފިރާގު އޭރު ވިދާޅުވެފައިވަނީ ދަތުރުތައް ހުއްޓާލުމަށް ވާހަކަދެކެވުނީ އެއަރޕޯޓުން ލިބެންޖެހޭ ބައެއް ޙިދުމަތްތައް ނުލިބޭތީއާއި ދެ އަހަރުވީއިރުވެސް އިމިގްރޭޝަން އާ ގުޅުން ހުރި ބައެއް ކަންތައްތައް ހައްލުވެފައިނުވުމުގެ އިތުރަށް ސްރީލަންކަން އެއަރލައިންސްއަށް ދިމާވެފައިވާ މާލީ ގެއްލުމުގެ ސަބަބުން ކަމަށެވެ.